ޑާކާ (ޖެނުއަރީ 30) : ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ސިޔާސީ ޕާޓީ ކަމަށްވާ ޖަމާއަތުލް އިސްލާމީގެ 14 މެންބަރުން ގެ މައްޗަށް އެގައުމުގެ ޖިނާއީ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި އެވެ.

ޖަމާއަތުލް އިސްލާމީގެ ލީޑަރު، މުތީއުއް ރަހްމާން އާއި އިތުރު 13 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވީ ބަންގްލަދޭޝް އަށް ވަގަށް ހަތިޔާރު އެތެރެ ކުރަން އުޅުނު މައްސަލައެއްގައި އެމީހުން ބައިވެރިވާކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ. 2003 ވަނައަހަރު އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މި ހަތިޔާރުތައް ބަންގްލަދޭޝްގެ ފުލުހުން ހިފެހެއްޓީ އެގައުމުގެ އެންމެބޮޑު ބަނދަރުކަމަށްވާ ޗިޓަގަންގެ ބަނދަރުންނެވެ.

ވަގަށް ހަތިޔާރު އެތެރެކުރުމަކީ ބަންގްލަދޭޝްގައި މަރުގެ އަދަބު ދެވޭ ކުށެކެވެ. މި މައްސަލައިގައި މަރުގެ އަދަބު ދިނުމަށް މިއަދު ހުކުމްކުރި މީހުންގެ ތެރޭގައި ކުރީގެ ދާޚިލީ ވަޒީރު، ލުތްފުއްޒަމާންއާއި ޖާސޫސީ އިދާރާގެ ކުރީގެ ދެ މަސްއޫލުވެރިއަކު ވެސް ހިމެނެއެވެ.

ޖަމާއަތުލް އިސްލާމީގެ ލީޑަރު، މުތީއުއް ރަހްމާނަކީ ބަންގްލަދޭޝްގެ އޭރުގެ ކޯލިޝަން ސަރުކާރުގެ ސިނާއަތާބެހޭ ވަޒީރެވެ. އެދުވަސްވަރު ބަންގްލަދޭޝްގައި ވެރިކަންކުރި ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ކޯލިޝަން ސަރުކާރުގައި ޖަމާއަތުލް އިސްލާމީ އަކީ ބައިވެރިއެކެވެ. މިމައްސަލައިގެ ތަހްގީގްތަކާ ގުޅިގެން 2010 ވަނައަހަރުން ފެށިގެން މުތީއުއް ރަހްމާން ވަނީ ޖަލަށްލާފަ އެވެ.

މިޙުކުމްތަކާ ގުޅިގެން ޖަމާއަތުލް އިސްލާމީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ހިންގަފާނެ ހަމަނުޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންވަނީ އެގައުމުގެ ބޮޑެތި ސިޓީތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. މިހުކުމްތައް އިސްތިއުނާފް ކުރުމުގެ ހައްގު ހުކުމް އިއްވި ފަރާތްތަކަށް އަދި އޮންނާނެ ކަމަށް ޚަބަރު ލިބެއެވެ. (ނޫސް އެޖެންސީތައް)