ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފިއެވެ.

އެ ބޯޑުގެ ރައީސަކަށް ހަމަޖެއްސެވީ މ. ފައިޒާ، މުހަންމަދު ނިޒާރެވެ. ނައިބު ރައީސަކަށް ހަމަޖައްސަވާފައި ވަނީ، ދަފްތަރު ނަންބަރު 3845 މުހަންމަދު ޔާސިރެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ފަސް މެންބަރުންނަކީ އެކައުންޓިންގް އެންޑް ފައިނޭންސްގެ ދާއިރާއިން ސ. ހިތަދޫ ނޫވިލާގޭ ހުސައިން އަލީ ހަބީބާއި ބޭންކިންގް ދާއިރާއިން ށ. ކޮމަންޑޫ ހިޔަލީގޭ އަލީ ވާސިފާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މ. ރެސްޓް ޕޮއިންޓް އަޝްރަފް އަލީ އާއި ގާނޫނުގެ ދާއިރާއިން ސ.ހިތަދޫ ތަބުލާގޭ އަލްއުސްތާޒާ އައިޝަތު ޝިފާލާ އަދި އިކޮނޮމިކްސްގެ ދާއިރާއިން ބ. އޭދަފުށީ ދިޔަވަރު އަހްމަދު އިމާދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، މިބޭފުޅުންގެ ނަންފުޅުތައް، ރައީސުލްޖުމްހޫރިއްޔާ އެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް ވަހީދުގެ ސަރުކާރުގައި އެކުލަވާލައްވާފައިވާ ޕްރައިވަޓައިޒޭޝަން ބޯޑު މެމްބަރުން ވަކިކުރެއްވިއިރު ވެސް އެ ބޭފުޅުނަށް ރުހުން ހޯއްދަވާކަށް ހުށައެއް ނާޅުއްވަ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލިއުއޭޓް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރަންޖެހޭ ބޭފުޅުން އައްޔަން ކުރުމުގެ ބާރު ދީފައި ވަނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވަޓައިޒޭޝަން ބޯޑަށެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރު ކަމުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ. ބޯޑުގެ ރައީސާއި ނައިބު ރައީސް ފިޔަވައި ދެން ތިއްބަވާ ފަސް މެމްބަރުންނަކީ ޕާޓްޓައިމްކޮށް މަސައްކަތްޕުޅު ކުރައްވަންޖެހޭ މެންބަރުނެވެ. އެއިން ކޮންމެ މެމްބަރަކަށް 8000ރ. އެލަވަންސެން ލިބޭނެ އެވެ.

ނަމަވެސް ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 47000ރ. ލިބޭނެ އެވެ. އެއީ މުސާރައިގެ ގޮތުގައި 32000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15000ރ. އެވެ.

ބޯޑުގެ ނައިބު ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 35،500ރ. ލިބޭނެ އެވެ. އެއީ މުސާރަ އަށް 20،500ރ. އާއި ލިވިން އެލަވަންސަށް 15،000ރ. އެވެ.