ކޯޓު އަމުރަކާއި ނުލައި ފުލުހުން އޮފީހެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދާފައިވާތީ އެތަކެތި ގެންގުޅުނު މީހާ ސަލާމަތް ވެއްޖެ އެވެ.

ރ. މަޑުއްވަރީ މުޝްތަރީގޭ ހުސައިން ސޮބާހު 35 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން ހިންގާ ކުންފުންޏެއްގެ އޮފީސް ތެރެއިން 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނުކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ސޮބާހުގެ އޮފީހަށް ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށާއި އެނުކުތާ އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ވަކި ޚާއްސަ ހާލަތްތަކެއް ފިޔަވައި އެހެން ހުރިހާ ހާލަތްތަކެއްގައި ވެސް މީހެއްގެ އަމިއްލަ ތަނަކަށް ވަދެވޭނީ ކޯޓުގެ އަމުރެއް ލިބިގެން ކަމަށާއި އެ ނޫން ގޮތަކަށް އެފަދަ ތަނަކަށް ވަދެ ހޯދާ ހެކިތަކަކީ ގާނޫނާ އެއްގޮތަށް ހޯދި އެއްޗެއް ކަމަށް ނުބެލެވޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ގދ. ނަޑެއްލާ ޗަމަން މުހައްމަދު އަސްވަދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް އެކަށީގެންވާ ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ކޯޓު އަމުރު ލިބުމުގެ ކުރިން ފުލުހުން ގެއަކަށްވަދެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެމީހުންގެ މައްޗަށް ހެކި ލިބިފައިވީނަމެވެސް އެއީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށްވާތީ އެ މައްސަލައިގައި ދައުވާ ކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.