30 Jan 2014, 15:06
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މުޖުތަމައުއަށް ހިދުމަތް ކުރެއްވުމަށް އޮފީހެއް ހުޅުއްވައިފި އެވެ.
މާފަންނު މަޖެންޓާ ބިލްޑިންގްގައި ގާއިމްކޮށްފައިވާ އެ އޮފީސް ހުޅުވާފައިވަނީ މިދިޔަ ހަފްތާގަ އެވެ. ނަމަވެސް ރަސްމީކޮށް އޮފީސް ހުޅުވުމަށް ހަމަޖައްސާފައި ވަނީ މަހެއްހާ ދުވަސް ފަހުންނެވެ. އެ އޮފީހުގެ މަސައްކަތްތައް ވެސް ވަނީ ފަށައިފަ އެވެ.
ރައީސް ވަހީދުގެ ސަރުކާރުގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ތައުފީގު (ޓޯޕީ) މިއަދު "ސަން"އަށް ވިދާޅުވީ ފޯމާ ޕްރެސިޑެންޓްގެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދި ވެސް ހުރީ ނުނިމި ކަމަށެވެ.
އޭނާ ވިދާޅުވީ ފޯމާ ޕްރެޒިޑެންޓްގެ އޮފީސްގެ ހުޅުވުމުން މުޖުތަމައުއަށް ފައިދާ ހުރި އެކިއެކި މަސައްކަތްތައް ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރެއްވުމުގެ މަސައްކަތް ރައީސް ވަހީދު ފައްޓަވަން ގަސްދުކުރައްވާފައިވާ ކަމަށެވެ.
"ރައީސް ވަހީދު ހިޔާލުފުޅުކުރައްވާފައި އޮތީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި އުޅުއްވަން، އެމަނިކުފާނަކީ ބޭރުގެ އެކިއެކި އިސް ބޭފުޅުންނާ ޒަމާނުއްސުރެ ގާތްގުޅުމެއް އުފެދިފައިވާ ބޭފުޅެއް، އަދި ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު ރާއްޖޭގެ މުޖުތަމައުއަށް ފާއިދާ ހުރި މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވަނީ،" ތައުފީގު ވިދާޅުވި އެވެ.
ރައީސް ވަހީދަށް ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ (އެންޔޫއެސް)ގެ "ވިޒިޓިން ޑިސްޓިންގުއިޝްޑް ފެލޯ"ގެ މަގާމެއް ވަނީ ލިބިވަޑައިގެންފަ އެވެ. ނަމަވެސް އެމަގާމަކީ އެ ގައުމުގައި ބޭސްވެގެން ހުންނަވައި އަދާކުރައްވަން ޖެހިވަޑައިގެންނަވާ މަގާމެއް ނޫން ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކު މުޖުތަމައުއަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި، އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި 1،75،000ރ. ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހޭ ކަމަށް ގާނޫނުގައިވެ އެވެ.