މާލޭ އަތޮޅު ކޮކޯ ތިލަކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ޖަރުމަންވިލާތުގެ ޓޫރިސްޓު އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ކުރިއަށް އެބަދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.


އެމްއެންޑީއެފް އިން ބުނީ، އިއްޔެ ހެނދުނު ކޮކޯއައިލެންޑް ރިސޯޓުގެ އިރުދެކުނުން އޮންނަ ކޮކޯތިލަ ކައިރިއަށް ޑައިވިން އަށް ދިޔަ ކ. ފިހާޅޮހި އައިލެންޑް ރިސޯޓްގެ 19 ގެސްޓުންގެ ތެރެއިން ޖަރުމަނުގެ ކާލް ހެންސަން،58، ޑައިވިން އަށް ފޭބިގޮތަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.


އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ، އެމީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ފުރަތަމަ ޑައިވްގައި 48000 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައި ކަމަށެވެ. އަދި ދެވަނަ ޑައިވްގައި ވިޒިބިލިޓީ ދައްކަމުން ނުފެންނާތީ އާއި އަދި އެ ސަރަހައްދުގެ އޮއިވަރު ގަދަކަމުން ވަނީ ޑައިވް ހުޓާލާފައި ކަމަށާއި އެހެންނަމަވެސް، މިއަދު އަނެއްކާ ވެސް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.


އަދި މީގެއިތުރުން މޯލްޑިވްސް އެއާ ޓެކްސީ ބޭނުންކޮށްގެން ވައިގެމަގުން 336 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.