ހއ. އިހަވަންދޫ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށްޓަކައި އެރަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އިހަވަންދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް ބިނާކުރާ އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފަ އެވެ. އެކަމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމެވެ. އެރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުލް މަތީން މުހައްމަދާއި ހއ. އަތޮޅު ކައުންސިލްގެ ރައީސާއި އިހަވަންދޫ ރަށު ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވި އެވެ.

އިހަވަންދޫގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއަށް ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ( ޔޫއެންއެފްސީސީ) ފަންޑުން ގާތްގަނޑަކަށް 2.1 މިލިޔަން އެމެރިކާ ޑޮލަރު ހަރަދުކުރާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

އިހަވަންދޫ ފެނުގެ ނިޒާމުގައި ހިމެނެނީ ލޮނުފެން މީރުފެނަށް ބަދަލުކުރާ ޕްލާންޓެއް ބެހެއްޓުމާއި ސަރުކާރުގެ އިމާރާތްތަކާއި އާއްމު ބައެއް އިމާރާތްތަކުން ވާރޭފެން ނަގައި ރައްކާ ކުރާނެ ދެތާން ގީ ބެހެއްޓުމެވެ. އަދި ގޭގެއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާނެ ސަޕްލައިނެޓްވޯކް ގާއިމްކުރުމާއި ފެން އުފައްދާ ޕްލާންޓަށް ބޭނުންވާ ހަކަތައިގެ ހަރަދު ކުޑަކުރުމަށް ޓަކައި ސޯލާ ޕެނަލް ބެހެއްޓުމާއި ޕްލާންޓް ހިންގައި ބެލެހެއްޓުމަށް ތިން މީހުން ތަމްރީނު ކުރުން ވެސް އެމަޝްރޫއުގައި ހިމެނެއެވެ.

އިހަވަންދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމި އެރަށުގެ ރައްޔިތުންނަށް ހިދުމަތްދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.