30 Jan 2014, 14:54
އެލް މޯބައިލް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގައި ރޭ ފަހަތުން އަރައި 2-1 ލަނޑުން ނިއުރޭޑިއަންޓު ބަލިކޮށް ވައިކަރަދޫ އެފްސީން ކުއާޓާ ފައިނަލުގެ އުންމީދު ބޮޑުކޮށްފި އެވެ.
އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގަ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖަހައި ލީޑް ނެގީ ނިއުރޭޑިއަންޓުންނެވެ. އެ ލަނޑު ނިއުއަށް ކާމިޔާބުކޮށް ދިނީ މުހައްމަދު އިޝާނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ވައިކަރަދޫއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު، މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ މުހައްމަދު ނިހާލެވެ.
ރޭގެ މެޗުގައި ނިއު އަތުން ވާކަރަދޫ މޮޅުވެ، ކުއާޓާ ފައިނަލުގެ އުންމީދު ވައިކަރަދޫއަށް ބޮޑުކޮށްދިން ލަނޑު މެޗް ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ވަޖީހެވެ.
ގްރޫޕް ބީގައި ރޭ ނިއު އަތުން ވައިކަރަދޫ މޮޅުވެ، ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފައި ވާއިރު، ގްރޫޕްގައި ވައިކަރަދޫ އޮތީ ހަ ޕޮއިންޓާއެކު އެއް ވަނަ މަގާމުގަ އެވެ. މި މުބާރާތުގައި ވައިކަރަދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމް މޮޅުވެފައި ވަނީ ވޭރު ސްޕޯޓްސްއާ ބައްދަލުކޮށް 2-1 ލަނޑުންނެވެ. އެ ގްރޫޕްގައި ހިމެނޭ މާޒިޔާ އާއި ނިއުއަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އަދި އޮތީ އިއްޔެ ހަވީރު މާޒިޔާ އަތުން 10-0 ލަނޑުން ބަލިވި ވޭރު ސްޕޯޓްސް ކުލަބެވެ.
އެ މުބާރާތުގައި މިއަދު ހަވީރު 4:10 ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ތިނެއްގެ ކެލާ ނާޅި ސްޕޯޓްސް އާއި އޭދަފުށި ޒުވާނުންގެ ކުލަބެވެ. އަދި ހަމަ މިގްރޫޕްގައި މިރޭ 9:00 ގައި ބައްދަލު ކުރާނީ ބީޖީ ސްޕޯޓްސް އާއި އޯލްޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާ އިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސްޓީމެވެ.
މުބާރާތް ރާވާފައި ވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމާ އެކު އަށް ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.
އެފްއޭއެމުން 2011 ވަނަ އަހަރު ތައާރަފް ކުރި އެ މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.