ރޯވިއޯ އެންޓަޓެއިންމަންޓް އިން އުފައްދާފައިވާ މަޝްހޫރު މޮބައިލް ފޯން ގޭމް އެންގްރީ ބާޑްސްގެ ވެބްސައިޓް ހެކް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ކަން ހިނގާފައި ވަނީ އެންގްރީ ބާޑްސް ގޭމް އަޅާފައިވާ ފޯނުތައް މެދުވެރިކޮށް އެމެރިކާ އާއި އިނގެރޭސި ވިލާތުގެ ޖާސޫސީ އިދާރާތަކުން އެތައް މިލިއަން އާއްމުންނެއްގެ ޒާތީ މައުލޫމާތު ހޯދާ ފައިވާ ކަމުގެ ރިޕޯޓެއް އާއްމުވިތާ ދެ ދުވަސް ފަހުންނެވެ.

“ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެބްސައިޓް އަށް ދީ ފައިވާ ގެއްލުން އެނގިއްޖެ. އެކަން ވާނީ ވަގުތުން ރަނގަޅުކޮށްފައި. ވެބްސައިޓް ބޭނުން ކުރާ އާއްމުންގެ މައުލޫމާތު ތަކަށް މިވަގުތު އެއްވެސް ބިރެއް ނެތް،” ފިންލެންޑް ކުންފުންޏެއް ކަމަށްވާ ރޯވިއޯގެ ތަރުޖަމާނު ސާރާ ބާގްސްޓްރޮމް ބުންޏެވެ.

އެންގްރީ ބާޑްސްގެ ވެބްސައިޓް ހެކް ކޮށްފައި މި ވަނީ، ސިއްރު މައުލޫމާތު ތަކެއް ލީކް ކޮށްލުމަށްފަހު ރަޝިޔާގައި ހިމާޔަތް ހޯދާފައިވާ އެމެރިކާގެ ނެޝަނަލް ސެކުއުރިޓީ އޭޖެންސީ (އެންއެސްއޭ) އަށް މަސައްކަތް ކުރަމުން އައި ކޮމްޕިއުޓާ އެނެލިސްޓް އެޑްވަޑް ސްނޯޑަން ހާމަ ކޮށްފައިވާ މައުލޫމާތު ތަކަށް ރިއާޔަތް ކޮށް، އެމެރިކާގެ ނިއުޔޯކް ޓައިމްސް އާއި އިނގެރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން މި ހަފްތާގެ ކުރީ ކޮޅު ޝާއިއު ކުރި ރިޕޯޓު ތަކަކަށް ފަހު އެވެ. މި ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން އެމެރިކާގެ އެންއެސްއޭ އާއި އިނގެރޭސި ވިލާތުގެ ގަވަމަންޓް ކޮމިއުނިކޭޝަންސް ހެޑްކުއާޓާސް (ޖީސީއެޗްކިއު) އިން ވަނީ ސްމާޓްފޯން ތަކަށް އަޅާފައިވާ އެޕްލިކޭޝަން ތައް މެދުވެރި ކޮށް އާއްމުންނަށް ސިއްރުން، މީހުންގެ ޒާތީ މައުލޫމާތު ހޯދާ އެއްކޮށްފައެވެ. މީގައި ފާހަގަކޮށްފައިވާ އެއް އެޕްލިކޭޝަން އަކީ އެންގްރީ ބާޑްސް އެވެ.

ރޯވިއޯއިން ބުނީ އެ ކުންފުނިން އެއްވެސް ޖާސޫސީ އިދާރާ އަކަށް އެފަދަ މައުލޫމާތެއް އެއްވެސް އިރެއްގައި ހިއްސާ ކޮށްފައި ނުވާނޭ ކަމަށެވެ. އެންގްރީ ބާޑްސް ގެ ކަސްޓަމަރުންގެ މައުލޫމާތުތައް އަބަދުވެސް ހިމާޔަތް ކުރަމުން އަންނަ ކަމަށްއެ ކުންފުނިން ކަށަވަރު ކޮށްދިނެވެ.

ނަމަވެސް ރޯވިއޯގެ ސީއީއޯ މީކާއިލް ހެޑް ބުނީ ކުންފުންޏަށް ނޭންގި، ޖާސޫސީ އިދާރާތަކުން އެންގްރީ ބާޑްސް އާ ގުޅިފައިވާ ތާޑް-ޕާޓީ އެޑްވަޓައިޒިން-އެޕްލިކޭޝަންތައް މެދުވެރިކޮށް މައުލޫމާތު އެއްކޮށްފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެޑްވަޑް ސްނޯޑަން ލީކް ކޮށްލާފައިވާ މައުލޫމާތު ތަކުގެ ސަބަބުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން އާއްމުންގެ ފޯން ކޯލް ތަކާ އެސްއެމްއެސް ތައް ކިޔާ، ފާރަލާކަމުގެ ޝަކުވާ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. ގިނަ މީހުން ދެކޭ ގޮތުގައި މިއީ ޒާތީ މިވަންކަން ނިގުޅައިގަތުމެވެ.

ފަހަކަށް އައިސް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބިގެންދިޔަ އެއް މޮބައިލް ގޭމް އެންގްރީ ބާޑްސް ތައާރަފް ކޮށްފައި ވަނީ 2009 ވަނަ އަހަރުއެވެ. މިހާ ތަނަށް މި ގޭމް 1.7 ބިލިއަން ފަހަރު ޑައުންލޯޑް ކޮށްފައި ވެއެވެ.