ހެންވޭރު ގެއެއް ބަލައި ފާސްކޮށް ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ވަގަށް ނަގާފައިވާ އައިޑީކާޑުތަކާ އެކު ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައި ވަނީ ހ. އުލިގަމްގެ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ 33 ޕެކެޓާއި ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ އައިޑީކާޑުތަކެއްގެ އިތުރުން 15،000ރ. ގެ ފަސް ޗެކް ފެނިފައިވާ ކަމަށެވެ.

ތަހުގީގު ކުރިއަށްދާތީ ހައްޔަރު ކުރި މީހުންގެ ވަނަވަރެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.