ލޭނުގެ މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ހުޅުވާލުމުން އެންވެރިކަން ދަށަށް ގޮސް ރާއްޖޭގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ހޮރައިޒަން ފިޝަރީޒުން ބުނެފި އެވެ.


އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަދުނާން އަލީ އިއްޔެ ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެކޮނޮމިކަލް ޒޯންގެ ތެރެއިން ލޭނުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމުން "ބައިކެޗް"ގެ ގޮތުގައި ގިނަ އަދަދަކަށް މިޔަރު ފަދަ އެންވެރިކަމާ ގުޅިފައިވާ ބައެއް މަސްމަހާމެހި ހިފޭނެ ކަމަށާއި އޭގެ ސަބަބުން މުސްތަގުބަލުގައި ރާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާނެ ކަމަށެވެ.


"ލޭނު އެޅުމުގައި ވަރަށް ގިނައިން ބައިކެޗް ހުންނާނެ. އޭގެ ތެރޭގައި މިޔަރު ހުންނާނެ. މިޔަރަކީ ވަރަށް ބޮޑަށް މަސްވެރިކަމާ ގުޅުންހުރި އެއްޗެއް. އެންވެރިކަން އަތޮޅުތެރެއަށް ވެއްދުމުގައި ވަރަށް ބޮޑު ދައުރެއް ކުޅޭ މިޔަރު. ފުޑް ޗެއިންގެ އެއްބައި އެއީ. މިޔަރު މާގިނައިން ނަގަން ވެއްޖިއްޔާ، މިޔަރު ގެއްލެން ވެއްޖިއްޔާ މަސްވެރިކަމަށް ތަފާތެއް އަންނާނެ. އެންވެރިކަން ގެއްލި ހިނގައިދާނެ،" އަދުނާނު ވިދާޅުވި އެވެ.


ނަމަވެސް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ ވަގުތާއި ހާލަތަށް ބަލާފައި ލޭނުގެ މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ހުޅުވާލުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީގެ ދިރާސާތަކުން ދައްކާފައި ނުވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ނަފާ އެތައް ގޮތަކުން ރަނގަޅުވެގެން ދާނެ ކަމަށެވެ.


ނަމަވެސް މިފްކޯގެ ކުރީގެ އޮޕަރޭޝަންސް މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ އަދުނާނު ވިދާޅުވީ ބޭރުގެ ބޯޓުފަހަރުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުޅުވާލުމަކީ ގުދުރަތީ ވަސީލަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި ބޭރުގެ ބޯޓުފަހަރުތަކުން ރާއްޖޭގެ ސަރަހައްދު ބޭނުން ކުރަނީ ކޮން ގޮތަކަށް ކަން އެނގޭނެ އުސޫލުތަކެއް ރޭވިފައި ނެތް ކަމަށެވެ.


"ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން. މީގެ ކުރިން ވެސް ލައިސަންސްތައް ބާތިލް ކުރީ އެމީހުން އެތާ ގަންނަ ގަނޑެއް ނޭނގޭތީ. އެމީހުން ލައިސަންސް ނަގައިގެން އެތަނުގައި އެމީހުން ކުރަނީ ކީއްކަމެއް، ބާނަނީ ކިހާ މަހެއް ކަމެއް ނޭނގޭނެ،" އަދުނާނު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރުން އެތައް ބަޔަކަށް މަސްވެރިކަން ކުރުމަށް ފުރުސަތު ހުޅުވާލުމުން މަސްލިބޭ އަގު އެތައް ތަނަކުން ބޮޑުވެގެން ދާނެ ކަމަށާއި ރާއްޖޭގެ މާކެޓުގައި ވެސް އަދި ބޭރުގެ މާކެޓުގައި ވެސް މަހުގެ އުފެއްދުންތަކަށް ޖާގައެއް ނެތުމަކީ ވެދާނެ ކަމެއް ކަމަށެވެ.


"މަދުން މަސްބާނާފައި އެ ބޭނުންކުރާ މީހުން ގިނަވީމަ މަހުގެ އަނގު އަރާނެ. އެހެންވީމާ މަސްވެރިކަމުން ލިބޭ އެއްޗެއް ފަހަރެއްގައި ރަނގަޅު ވެދާނެ. އެކަމަކު އެ އަގަކީ އެއްޗެއް އުފައްދައިގެން ބޭރަށް ވިއްކޭނެ އަގުތަކަކަށް ނުވާނެ. އަޅުގަނޑުމެން އެކަންޏެއް ނޫނޭ މި މަސް ބަންދު ކުރުމުގެ މަސައްކަތް ދުނީޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަނީ. ދުނިޔޭގެ އެހެން ގައުމުތަކުގައި އަޅުގަނޑުމެނަށް ވުރެ މާ ހެޔޮއަގުގައި މަހުގެ (އުފެއްދުންތަކުގެ) ވިޔަފާރި ކުރާ މީހުން އެބައުޅޭ. ސަރުކާރުން އެއުޅޭ ދެތިން މީހެއްގެ ވާހަކަ އަޑުއެހުމަށް ވުރެ މިކަހަލަ ބޮޑު އިންޑަސްޓުރީއެއްގެ މީހުންނާ މަޝްވަރާކުރެއްވިއްޔާ މާ ރަނގަޅުވާނެ." އަދުނާނު ވިދާޅުވި އެވެ.


މިދިޔަ މަސްވެރިގެންގެ ދުވަހު، ޑިސެމްބަރު 10ގައި ސަރުކާރުން ވަނީ ބޭރުގެ ބޯޓު ފަހަރުތަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލައި ކުދި އަދި މެދުފަންތީގެ ކޮންމެ ކުންފުންޏަކަށް ވެސް މަސް ގަނެ އެކްސްޕޯޓް ކުރުމުގެ ހުއްދަދެއްވައިފަ އެވެ.