ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ބިލްތައް ދިރާސާ ކުރަން އުފެއްދި ސަބް ކޮމެޓީން މަސައްކަތް ނިންމައިފި އެވެ.

މުޅި މަޖިލީހުގެ ކޮމެޓީގެ އަގުލަބިއްޔަތުން މިދިޔަ އާދިއްތަ ދުވަހު ހޮއްވެވި 11 މެމްބަރުންގެ ވަގުތީ ކޮމެޓީގެ ރިޕޯޓް ހުށަހަޅާނީ މަޖިލީހުގެ މައި ކޮމެޓީއަށެވެ. އެ ކޮމެޓީން ނިންމާ ގޮތަކަށް މަޖިލީހުގެ ތަޅުމަށް އާމްދަނީގެ ބިލްތަށް ދިރާސާ ކުރި ރިޕޯޓް ހުށަޙަޅައި ބަހުސް ކުރުމަށްފަހު، ވޯޓަށް އަހާނެ އެވެ. އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގައި ކޮމެޓީން ހުށަހަޅާ ރިޕޯޓަށް ވޯޓަށް އަހާނެ އެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕޫގެ ނައިބު ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު "ސަން"އަށް މިއަދު ވިދާޅުވީ އާމްދަނީ އިތުކުރާ ބިލްތައް ކޮމެޓީގެ މަރުހަލާގައި ގޮތްތަކެއް ނިންމައި ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޮމެޓީ މަރުހަލާގައި މިހާރު ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ ނިޔަލަށް ބެޑް ޓެކުސް ނެގުމަށާއި ނޮވެމްބަރު މަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ކަމުގައިވާ ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކޮށް ކޮންމެ ރަށަކުން 1.5 މިލިއަން ޑޮލަރުގެ ފީއެއް ނެގުމަށް ނިންމާފައިވާއިރު އެ ފީ ދެއްކުމުގެ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކޮށް ދިނުމަށް ކޮމެޓީއިން ވަނީ ނިންމާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ކުރިން 18 މަސް ދުވަހަށް ރިސޯޓްތަކުގެ ކުލި ދައްކާ ގޮތަށް ވާހަކަ ދެކެވިފައިވަނިކޮށް އެ މިންވަރު ދެ އަހަރަށް މުއްދަތު އިތުރުކުރީ ބައެއް ރިސޯތްތަކުން އެކަމަށް އެދިފައިވާތީ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން 50 އަހަރަށް މުއްދަތު އިތުރު ކުރުމަށް ފަހު ގަނޑުކޮށް ފައިސާ ދައްކާ ގޮތަށް ހަމަޖެއްސުމުން އެ ފަހަރު ފައިސާ ދައްކާފައި ވަނީ އެންމެ 18 ފަރާތަކުންނެވެ.

މީގެ 14 އަހަރު ކުރިން 1999 ވަނަ އަހަރު އަމަލު ކުރަން ފެށި ޓޫރިޒަމްގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ ބެޑް ޓެކްސް ނެގުން ޑިސެމްބަރު 31، 2013ގެ ނިޔަލަށް ނިމުމަކަށް އަންނާނެ އެވެ.

ބެޑް ޓެކްސް އަކީ ބޮޑު އާމުދަނީއެއް ދައުލަތަށް ލިބޭ ޓެކުހެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ވެސް ބެޑް ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 853 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތާއި އަޅާބަލާ އިރު 9.5 ޕަސެންޓް އިތުރު އަދަދެކެވެ.

ދައުލަތައް އާންމުދަނީ އިތުރުކުރުމަށް ސަރުކާރުން ހުށައަޅައި އަދި ކޮމެޓީއިން ނިންމާފައިވާ ކަންތައްތަކަށް ވޯޓަށް އަހައި އެ ބިލްތައް ފާސްކުރުމަށް ހުށައެޅުން އޮތީ އަންނަ ހޯމަ ދުވަހު ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގަ އެވެ.