ފެނަކަ ކޯޕަރޭޝަނަށް ސަރުކާރުން 150 މިލިޔަން ރުފިޔާ ދީފައިވާ ކަމަށާއި އެ ފައިސާ ބޭނުންކޮށްގެން މިހާރު ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ ސަރުކާރުން ދިން 150 މިލިޔަން ރުފިޔާއަށް 72 ޖަނަރޭޓަރު ގަތުމަށް ނިންމާފައިވާ ކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް މިއަދު މިވަނީ 150 މިލިޔަން ރުފިޔާ ދޭން ހަމަޖައްސާފައި. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އެ 150 މިލިޔަން ރުފިޔާއިން އަޅުގަނޑުމެން 72 ޖަނަރޭޓަރު އަތޮޅުތެރެއަށް ގަނެ، ކަރަންޓްގެ ހިދުމަތް ރަނގަޅުކޮށްދެވޭތޯ މަސައްކަތް ކުރާނަން،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަނަރޭޓަރު ގެނެސްދޭނެ ފަރާތެއް ހޯދުމަށް އަންނަ އާދީއްތަ ދުވަހު އިންޓަނޭޝަނަލް ޓެންޑާއަކަށް ހުޅުވާލާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޖަނަރޭޓަރުތައް ލިބޭނެ ކަމަށެވެ. އެޖަނަރޭޓަރުތައް ލިބުމުން 72 ރަށެއްގެ ޖަނަރޭޓަރު ކެޕޭސިޓީ ރަނގަޅު ކުރެވޭނެ ކަމަށާއި އޭރުން އަތޮޅު ތެރޭގެ ކަރަންޓްގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުގައި، 72 ޖަނަރޭޓަރު ގެނެވިއްޖެނަމަ އަތޮޅު ތެރޭގެ ރަށްރަށުގައި ހުރި ކަރަންޓްގެ ހިދުމަތްތަކަށް ހަމަ ދާއިމީ ހައްލެއް ލިބިގެންދާނެ،" ނިމާލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 72 ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތާ އެކުގައި ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގަތުމަށް ހަމަޖެހިފައިވާ ޖަނަރޭޓަރުތަކަކީ 160 ކިލޯވޮޓް އިން ފެށިގެން 2000 ކިލޯވޯޓް އާ ދެމެދުގެ ސައިޒްތަކުގެ ޖަނަރޭޓަރުތައް ކަމަށެވެ.

ސަރުކާރުންދޭ ފައިސާއިން ޖަނަރޭޓަރު ގަނެގައި ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާތަނަށް ހޯދި އަގުތަކަށް ބަލާއިރުގައި 72 ޖަނަރޭޓަރު ހޯދާފައި އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅު ކުރުމަށް ޓަކައި މަސައްކަތް ކުރެވޭނެ. މައިގަނޑު ގޮތެއްގައި މިއުޅެނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ބޮޑެތި މައްސަލަތައް ހުރި 13 ވަރަކަށް ރަށް،" އޭނާ ވިދާޅުވިއެވެ.

ޖަނަރޭޓަރުތައް ބަހައްޓާނެ ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.