30 Jan 2014, 10:30
ތޫނިސް (ޖަނަވަރީ 30) : ތޫނިސްގައި އަލަށް އެކުލަވާލި އިންތިގާލީ ސަރުކާރަށް އެގައުމުގެ ޕާލަމެންޓުން ރުހުން ދިނުމާގުޅިގެން އައު ބޮޑުވަޒީރު މަހްދީ ޖުމްޢާ އާއި އޭނާގެ ސަރުކާރުގެ ކެބިނެޓްގެ މެންބަރުން ރައީސް ޑރ. މުންސިފް އަލްމަރްޒޫގީގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކޮށްފިއެވެ.
ތޫނިސްގެ އިންތިގާލީ ސަރުކާރުގެ ބޭނުމަކީ އެގައުމުގައި މިނިވަން އިންސާފުވެރި ރިޔާސީ އަދި ބަރުލަމާނީ (ޕާލަމެންޓްރީ) އިންތިޚާބުތައް ބާއްވައި ރައްޔިތުން އިންތިޚާބުކުރާ ރައީސަކާ އަދި ސަރުކާރަކާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމެވެ. މިގޮތުން މިކަންކަމަށް ބޭނުންވާ ގާނޫނުތައް ޑްރާފްޓްކޮށް ޕާލަމެންޓަށް ހުށަހެޅުމާއި ގައުމަށް ކުރިމަތިވެފައިވާ އަމަން އަމާންކަމާއި ސަލާމަތާގުޅޭ ކަންކަން ޙައްލުކުރުމަކީވެސް އައު ސަރުކާރުގެ ކުރިމަތީގައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.
ތޫނިސްގެ ކުރީގެ ރައީސް ޒައިނުލްއާބިދީން ބިންޢަލީގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމެއްގައި ވެއްޓިގެން ދިޔުމަށްފަހު އެގައުމުގައި މިނިވަން އިންތިޚާބެއް ބާއްވައިގެން ރައްޔިތުން އެންމެ ފުރަތަމަ އިންތިޚާބުކުރި ސަރުކާރަކީ އިސްލާމީ ފިކުރުމުގެ ޕާޓީއެއް ކަމަށްވާ އައްނަހްޟާ މޫމެންޓްގެ ސަރުކާރެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާއެކު ނަހްޟާ ޕާޓީގެ ސަރުކާރަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާއި ފިއްތުންތަކާއެކު ހަމަނުޖެހުން އުފެދޭ ހިސާބަށް ގައުމުގެ ކަންތައްތައް ދިޔުމުން ގައުމުގެ އެންމެމަތީ މަސްލަހަތަށް ރިޔާއަތް ކުރުމަށްފަހު ނަހްޟާ ޕާޓީން ނިންމީ ސިޔާސީ ފަރާތްތައް ނުހިމެނޭ އިންތިގާލީ ސަރުކާރަކާ ވެރިކަން ޙަވާލުކުރުމަށްފަހު ވަގުތީގޮތުން ވެރިކަމާ ދުރުވުމަށެވެ.
މިކަން ކުރިޔަށް ގެންދިޔައީ އިދިކޮޅު ޢިލްމާނީ ފިކުރުގެޕާޓީތަކާވެސް މަޝްވަރާކޮށްގެން އެޕާޓީތަކާވެސް ގުޅިގެންނެވެ. އެހެންކަމުން ތޫނިސްގެ އިސްލާމީ ފިކުރުގެ ނަހްޟާ ޕާޓީވަނީ މިސްރުގެ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ކުރިމަތިވި ފަދަ ދެރައަދި ނިކަމެތި ގޮތްތަކެއް ކުރިމަތިނުވެ ސިޔާސީގޮތުން އަމާން ބަނދަރަކަށް ދެވުމުގައި ކާމިޔާބު ހޯދާފައެވެ. (އަލްޖަޒީރާ)