ވެސްޓް ހެމް ކޮޅަށް ލަނޑެއް ނުޖެހި، ރޭގެ މެޗު ނިންމާލުމާއެކު އިނގިރޭސި ލީގުގެ އެއްވަނަ މަގާމު ހޯދަން ޗެލްސީއިން ކުރަމުން އައި މަސައްކަތުގައި އިތުރު އުދަނގޫތަކެއް ކުރިމަތި ވެއްޖެ އެވެ.

ވެސްޓް ހެމްގެ މައްޗަށް ކުރި ހޯދައިފިނަމަ، 53 ޕޮއިންޓާއެކު މިހާރު ލީގު ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާ އެއްވަރުކުރެވޭނެ ކަމުގެ މައުލޫމާތާ އެކު ޗެލްސީއިން ކުޅެން ނުކުތް ނަމަވެސް، ވެސްޓް ހެމްއިން ވަނީ ޗެލްސީއިން މެޗުގައި ކުރި ހޯދުމަށް ކުރި މަސައްކަތްތައް ނާކާމިޔާބު ކޮށްލާފަ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު، އެ ޓީމުން ކޮންޓްރޯލް ކުރި ނަމަވެސް، ވެސްޓް ހެމްއިން ވަނީ ވަރަށް މޮޅު ދިފާއީ ކުޅުމެއް ދައްކާފަ އެވެ. ހާއްސަކޮށް ވެސްޓް ހެމްގެ ގޯލްކީޕަރު އެޑްރިއާން ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ޗެލްސީގެ މިޑްފީލްޑަރު އޮސްކާ ޖެހި ބާރުގަދަ ބޯޅައެއް ދިފާއުކުރި އިރު، އެޑްރިއާން ވަނީ ސެމުއެލް އެޓޫ އަދި ޖޯން ޓެރީގެ ހަމަލާތައް ވެސް ދިފާއުކޮށްފަ އެވެ.

މެޗުގެ ފަހު ދިހަ މިނެޓުގައި ލަނޑެއް ޖެހުމަށް ޗެލްސީއިން ކުރި މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އޮސްކާގެ ބަދަލުގައި ސްޓްރައިކާ ޑެމްބާ ބާ އެރުވުމަށްފަހު ބާ އުފެއްދި ހަމަލާއެއް ދަނޑީގައި ޖެހުނު އިރު، ލަމްޕާޑު އުފެއްދު ހަމަލާއެއް ކީޕަރު އެޑްރިއާން ވަނީ މަތަކޮށްފަ އެވެ.

މެޗު ނިންމާލުމަށްފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ޖޯސެ މޮރީނިއޯ ބުނީ ވެސްޓް ހެމްއިން ކުޅުނު 19 ވަނަ ގަރުނުގައި ކުޅެ އުޅުނު ކަހަލަ ފުޓުބޯޅައެއް ކަމަށާއި އެއް ޓީމުން މެޗެއް ކުޅެން މަސައްކަތްކުރުމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

މިނަތީޖާއާ އެކު، ޗެލްސީ އަދިވެސް އޮތީ 50 ޕޮއިންޓާ އެކު އިނގިރޭސި ލީގުގެ ތިންވަނާގަ އެވެ. އާސެނަލް 52 ޕޮއިންޓާ އެކު ދެވަނާގައި އޮތް އިރު، މެންޗެސްޓާ ސިޓީ ވަނީ ރޭގެ މޮޅާ އެކު ތާވަލުގެ އެއްވަނަ ހޯދާފަ އެވެ.

ޗެލްސީއިން ހޯމަ ދުވަހު ކުޅޭ މެޗުގައި ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.