30 Jan 2014, 10:22
ޓޮޓެންހަމް ހޮޓްސްޕާ 5 - 1 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ 15 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ އެވެ. މިއީ ސާޖިއޯ އަގުއެރޯ މެދުކެނޑުމެއް ނެތި ލަނޑުޖަހާފައިވާ އަށްވަނަ މެޗެވެ.
ފުރަތަމަ ހާފު 1 - 0 އިން ނިމުމަށްފަހު، ދެވަނަ ހާފު ފެށިތާ ފަސް ވަރަކަށް މިނެޓު ފަހުން ސިޓީއިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ސިޓީގެ ސްޓްރައިކާ ޒެކޯއަށް ޕެނަލްޓީ އޭރިޔާގެ ތެރެއިން ޓޮޓެންހަމްގެ ޑިފެންޑަރު ޑެނީ ރޯސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔާޔާ ޓޯރޭ އެވެ. އެ ފައުލާ ގުޅިގެން ޑެނީ ރޯސްއަށް ދެއްކި ރަތް ކާޑާ އެކު ޓޮޓެންހަމްއިން މެޗުގެ ބާކީ އޮތް ބައިގާ ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.
އޭގެ ދެ މިނެޓް ފަހުން ސިޓީގެ ތިންވަނަ ލަނޑު ޖަހާ ދިނީ ޒެކޯ އެވެ. ސިޓީގެ ހަތަރު ވަނަ ލަނޑު ޖޮވެޓިކް ޖަހައިދިން އިރު، ފަސް ވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެވެ.
މިމޮޅާ އެކު، ސިޓީއިން ވަނީ އާސެނަލްގެ މައްޗަށް ކުރި ހޯދާ، އިނގިރޭސި ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފަ އެވެ. 53 ޕޮއިންޓާއެކު ސިޓީ އެއްވަނާގައި އޮތް އިރު، ދެވަނާގައި އޮތް އާސެނަލްއާ ދެމެދު އޮތީ އެއް ޕޮއިންޓްގެ ތަފާތެކެވެ.