ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ޓިކެޓް ކަށަވަރުކޮށް، އޭނާގެ ގޮނޑި ދިފާއު ކުރެއްވުމަށް ނުކުމެވަޑައިގެންފި އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ބާރަށު ދާއިރާގެ ޕްރައިމަރީގައި ޝިފާޒު ކާމިޔާބުކުރެއްވިއިރު، އިހަވަންދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕުރައިމަރީއަކާއި ނުލައި އެ ދާއިރާގެ މިހާރުގެ މެމްބަރު އަޙުމްދު އަބްދުﷲއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި އަހުމަދު އަބްދުﷲއަށް ލިބިވަޑައިގެންނެވީ އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިން ހުށައަޅާފައިވާ ކެންޑިޑޭޓު، ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލް މާނިއު ހުސައިން ނަން އަނބުރާ ގެންދިއުމުންނެވެ.

އެމްޑީޕީއިން އިއްޔެ ބޭއްވި ބާރަށު ދާއިރާގެ ޕުރައިމަރީ މިހާރު ވެސް އެމްޑީޕީގެ ފަރާތުން އެ ދާއިރާ ތަމްސީލް ކުރައްވާ ޝިފާޒް އެ ގޮނޑި ދިފާއު ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވީ ބޮޑު އަގުލަބިއްޔަތަކުންނެވެ. ޝިފާޒާއި ވާދަ ކުރެއްވައި ނާކާމިޔާބުވީ މާލޭ ދަފްތަރު މުހައްމަދު ޒަރީރު އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓް ދިނުމަށް ބާއްވާ ބައެއް ދާއިރާތަކުގެ ވޯޓްލުން މިހާރު ނިމިފައިވާއިރު ބާކީ ހުރި ދާއިރާތަކުގެ ވޯޓުލުން ބާއްވާނީ މާދަމާއެވެ.