ދައުލަތަށް އަނބުރާ ލިބޭ ގޮތަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަހުމޫދު ރާޒީ ކުރެއްވި ދަތުރުފުޅުގެ ހަރަދު ޓިކެޓުގެ ފައިސާ ލިބިފައި ނުވާތީ، އެ ފައިސާ ހޯދުމަށް އޮޑިޓާ ޖެނަރަލް އަންގަވައިފި އެވެ.

އޮޑިޓަރު ޖެނަރަލް ނިޔާޒު އިބްރާހިމް އެގޮތަށް އެންގެވީ މިދިޔަ ހޯމަ ދުވަހު ނެރުއްވި ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ 2009 ވަނަ އަހަރުގެ އޮޑިޓުގަ އެވެ.

އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ، އިންޑޮނީޝިއާގެ ބާލީގައި ބޭއްވި، ދަ އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިޓީ (އޭޓީޕީ)ގެ މިނިސްޓީރިއަލް މިޓީންއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވަންޖެހޭ ހަރަދުތަކުގެ ތެރެއިން ޓިކެޓާއި ކެއިންބެއްލެވުމާއި އަދި ބާލީގައި ހުންނެވުމުގެ ހަރަދު އޭޓީޕީ އިން ދޭގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މިނިސްޓަރު ޓިކެޓް ނަންގަވާފައި ވަނީ، އޭޓީޕީން އެ ފައިސާ އަނބުރާ ހޯއްދަވާގޮތަށް މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ. އެގޮތުން އެ ދަތުރުފުޅުގެ ޓިކެޓުގެ ހަރަދަށްވާ 23،927ރ. މިނިސްޓްރީގެ ބަޖެޓުން ހަރަދުކުރެއްވި ކަމުގައިވީ ނަމަވެސް އެ ފައިސާ އަލުން އަނބުރާ ހޯދިކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށެވެ.

"މިނިސްޓްރީއަށް އަލުން އަނބުރާ ލިބޭ ގޮތަށް ކުރައްވާފައިވާ ހަރަދުގެ ފައިސާ ހޯއްދެވުމަށް ވެސް ދަންނަވަމެވެ. އަދި އެ ފައިސާ ނުލިބިވާނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 3.04 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރާ ގޮތުގެ މަތިން ނުލިބިވާ ފައިސާގެ ފުރިހަމަ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް، ފޮނުއްވައި، މައްސަލަ ހަމަޖެއްސެވުމަށް ދަންނަވަމެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ 2009 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާ ގޮތުން، އެ އަހަރު އެ މިނިސްޓްރީއަށް ގަނެފައިވާ ބަޔޯމެޓްރިކް އެޓެންޑެންސް ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް 68،000ރ. އަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށް އެ މަސައްކަތް އެފަރާތުން ނިންމުމުގެ ކުރިން މަސައްކަތް ނިންމި ކަމަށް ހަދައި އެފަރާތަށް ފައިސާ ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މަސައްކަތާ ހަވާލުވި ފަރާތުން ހަމަ އެދުވަހު މަސައްކަތް ނިންމި ކަމަށް ހަދައި، މަސައްކަތުގެ ބިލް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ފައިސާ ހަރަދުކުރުމުގެ ވައުޗަރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މަސައްކަތާ ހަވާލުވި ފަރާތުން ބިލް ހުށަހެޅުމުގެ ކުރިން މަސައްކަތް ނިންމިކަން އެނގޭނޭ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރިއިރު އަންދާސީ ހިސާބުތައް ބެލި ކޮމެޓީން ތިން ފަރާތެއްގެ އަންދާސީ ހިސާބު ބެއްލުމަށް މަސައްކަތް ހަވާލުކޮށްފައި ވަނީ އެންމެ މަދުން ޕޮއިންޓު ލިބުނު ފަރާތަށްކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށާއި އަދި އަންދާސީ ހިސާބު ބެލުމަށްފަހު މަސައްކަތް ހަވާލުކޮށްފައި ވަނީ އެމަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ވާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން އިތުރަށް ތަހުގީގު ކުރުމަށް ދަންނަވާ ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީގެ މުވައްޒަފުންނަށް 2009 ވަނަ އަހަރު އިތުރުގަޑީގެ ފައިސާގެ ގޮތުގައި 106،702ރ. ދީފައިވާއިރު މުވައްޒަފުން އިތުރުގަޑީގައި މަސައްކަތްކުރި ކަމުގެ ރެކޯޑެއް ފެންނާކަށް ނެތެވެ. އެހެން ކަމުން މުވައްޒަފުން އިތުރުގަޑިގައި ކުރި މަސައްކަތާއި އެ މަސައްކަތުގައި ހޭދަކުރި ވަގުތު އެނގެން ނެތުމުން މުވައްޒަފުންނަށް އިތުރުގަޑީގެ ގޮތުގައި ދީފައިވާ ފައިސާގެ ސައްހަކަން ޔަގީންކުރެވެން ނެތްކަމަށް ވެސް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ، ދައުލަތުގެ ފައިސާއިން ކުރެވޭ ހަރަދުތަކާގުޅޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިހްމާލުވި ފަރާތްތަކާމެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އަންގަވާ ކަމަށެވެ.