އޯކިޑް މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރާގައި ހުރި ގަހަނާތައް ވަގަށް ނަގައިގެން ފިލަން އުޅުނު ދެ މީހަކު ފުލުހުން އަތުލައިގެންފި އެވެ.

އެ ދެ މީހުން އަތުލައިގަތީ މިރޭ މެންދަމު 12:25 އެކާހަންހާއިރު އޮކިޑްމަގު، ހިލާލީގެ ސަރަހައްދުގައި ހުންނަ ރޯމްބަސް ފިހާރައިން ވައްކަން ކޮށްގެން ފިލަން އުޅެނިކޮށެވެ. ރޯމްބަސް ފިހާރައިގައި ހުރި ގަހަނާތައް ޖީބަށް ލައިގެން ފިލަން އުޅެނިކޮށް އެ ދެ މީހުން އަތުލައިގަތީ ޖަސްޓިސް ބިލްޑިންގައި ފޯރިމަރަން ތިބި ފުލުހުންތަކެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި މަސްތުގެ ހާލުގައި ތިބި ކަމަށް ބެލެވޭ ދެ މީހަކު ސައިކަލުގައި އައިސް ފިހާރައިގެ ބިއްރޫލިގަނޑު ތަޅާލައި އެތަނުގެ ތެރެއަށް ވަނުމާއެކު އާންމުންގެ ބަޔަކު ފުލުހުންނަށް ރިޕޯޓު ކުރި އެވެ. އަދި ޖަސްޓިސް ބިލްޑިންގައި ފޯރިމަރަން ތިބި ފުލުހުން ދުވެފައި އައިސް އެ ދެ މީހުން އަތުލައިގަތް ކަމަށް އޭނާ ބުންޏެވެ. އެކަކު ހައްޔަރު ކުރީ މަގުމަތިން ދުވެފައި ދަނިކޮށް ކަމަށާއި އަނެކަކު ހައްޔަރު ކުރީ ފިހާރައިން ނުކުތްތަނުން ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ރޯމްބަސް ފިހާރައިން ވައްކަން ކުރި ދެ މީހުން ބަލައި ފާސް ކުރިއިރު، ޖީބުން ގިނަ އަދަދެއްގެ ގަހަނާތަކެއް ފެނިފައިވާ ކަމަށާއި އެ ދެ މީހުން ހިފެހެއްޓި ސަރަހައްދު، މަގުމަތިން ވެސް ގަހަނާތަކެއް ފެނިފައިވާ ކަމަށެވެ.

ވައްކަމުގެ އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރި އެވެ. ފުލުހުން ބުނީ އެ މައްސަލާގައި 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖަކާއި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޯމްބަސް ފިހާރައިގައި މަސައްކަތް ކުރާ އެތަނުގެ ހިއްސާދާރަކު ބުނީ ވައްކަން ކުރަން އުޅުނު މީހުން އުޅުނީ އެތަނުގައި ހުރި ރިހީގެ ގަހަނާތައް ވަގަށް ނެގުމަށް ކަމަށެވެ. ގަހަނާތައް ލާފައި ހުރި ޝޯކޭސް އާއި ފިހާރައިގެ ބިއްލޫރިގަނޑު ފިޔަވައި އެހެން އެއްޗަކަށް "ވަގުން" ގެއްލުމެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

"ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެވަރުން ނުވެގެން ގަހަނާތައް ލާފައި ހުރި ޝޯގޭސް ވެސް ގަލަކުން ޖަހައި ތަޅާލާފައި ހުރީ. ވައްކަން ކުރަން ވަތް މީހުންގެ އަމާޒަކީ ރިހި އެއްޗެހި ގެންދިއުން،" ރޮމްބަސް ފިހާރައިގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.