30 Jan 2014, 01:09
ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ފުރިހަމަ އަށް ދައްކާފައިވާކަން ޔަގީންކުރެވެން ނެތްކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ފާހަގަކުރައްވައިފި އެވެ.
މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ 2009 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރުގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ލައިސަންސް ފީ ނެންގެވުމުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން މާލިއްޔަތުގެ ގާނޫނާއެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ.
އެގޮތުން މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކާއި ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ އޮތޯރިޓީން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ކުންފުނިތަކުގެ ހިސާބުތައް ބަލައި ފާސްކުރުމުގެ ބާރު ލިބިދީފައިވީ ނަމަވެސް ލައިސަންސްފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ބަލައިގަތުމުގައި ކުންފުނިތަކުގެ މާލީ ހިސާބުތައް ބަލައިފައިވާކަން ލިޔެކިޔުމުން އެނގެން ނެތްކަމަށް ވެއެވެ. އަދި އެގޮތަށް ކުންފުނިތަކުގެ މާލީ ހިސާބުތަކަށް ބެލުމެއް ނެތި، ފީ ބަލައިގަތުމުން، އެފަރާތްތަކުން ދައުލަތަށް ދައްކާފައިވާ ފައިސާގެ އަދަދަކީ ހަގީގަތުގައި ވެސް އެފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ސައްހަ އަދަދުކަން ޔަގީން ކުރެވޭނޭ ގޮތެއް ނެތްކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ މުއާސަލާތީ ކުންފުނިތަކުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާ ބަލައިގަތުމުގެ ކުރިން އެ ކުންފުނިތަކުގެ އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް މާލީ އަހަރު ނިމުމުން ބަލައި ޗެކުކޮށް، އެފަރާތްތަކުން ދައުލަތަށް ދައްކާ ލައިސަންސް ފީ އަކީ ސައްހަ އަދަދުކަން ޔަގީންކުރުމަށް ފަހު ފީ ބަލައިގަތުމަށެވެ.