29 Jan 2014, 22:45
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިން މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ޕާޓީގެ އާއްމު މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.
އެމްޑީޕީ އަށް ޖާބިރު ސޮއިކުރައްވައި މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ 30 ޑިސެމްބަރު 2013ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދުމަށް ނެގި ވޯޓްގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނެރެފައިވާ ވިޕްލައިނާ ހިލާފަށް އޭނާ ވޯޓް ދެއްވާފައިވާ ކަމަށެވެ. އަދި އެ ކަމަށް ޓަކައި އެމްޑީޕީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންނަވާނެ ކަމަށް ވެސް ޖާބިރު ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެ މައްސަލާގައި އެމްޑީޕީގެ ފިޔަވަޅު އަޅާކޮމިޓީން ވަނީ ޖާބިރަށް އެޕާޓީން ޕްރައިމަރީއަކާ ނުލައި ކަށަވަރުކޮށްދީފައިވާ ކާށިދޫ ދާއިރާގެ ޓިކެޓް އަނބުރާ އަތުލުމަށް ފަހު އެދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމަށް ނިންމައިފަ އެވެ. އަދި ޖާބިރު އެމްޑީޕީގެ އިންތިހާބީ މަގާމުތަކުން ދުރުކޮށް، ޖެނުއަރީ މަހުގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދުމަށް ވެސް ވަނީ އަންގައިފަ އެވެ.
މައާފަށް އެދުމަށް ފަހު އެ ދާއިރާއިން ޕާޓީގެ ޓިކެޓް ހޯދުމަށް ޖާބިރަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯއްދަވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލާގައި ހިމެނޭ ހަ މެމްބަރުންގެ ތެރެއިން މިހާރު އެޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ތިން އަހަރު ވަންދެން ވާދަނުކުރެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވެސް ވަނީ ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.