ރާއްޖެއިން ތެޔޮ ހޯދުމުގެ ޕްރޮޖެކްޓު މިހާރު އޮތީ ބިޑު ކުރާ ހިސާބުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އާމްދަނީ ބިލްތައް ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަދީބު މިއަދު ވިދާޅުވީ، ތެޔޮ ހޯދުމުގެ ޕްރޮޖެކްޓު ދިރާސާކުރުމަށްޓަކައި ސަރުކާރުގެ އިގްތިސާދީ ކޮމެޓީން ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި މިހާރު އެމަޝްރޫއު އޮތީ ބިޑުކުރާ ހިސާބުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އިގްތިސާދީ ކޮމެޓީގައި ހަތަރު ސިޓިން ހެދިފައިމިވަނީ، ލިޔެކިޔުންތައް ބަލައި އަޅުގަނޑުމެން މިވަނީ ބިޑުކުރާ ހިސާބަށް ގޮސްފައި" އަދީބު ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި 1978 ވަނަ އަހަރު ޝެލް ކުންފުނިން ހަދާފައިވާ ދިރާސާތަކަށްބަލައި، ރާއްޖެ ގްރިޑު ތަކަކަށް ބަހާލައި އަންދާޒާ ކުރެވޭ ހިސާބުތަކުގައި ދިރާސާތަކެއް ހަދަން ޖެހޭތޯ ނުވަތަ ނޫން ތޯ ބަލަމުންދާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އަވަސް އަރުވާލައިގެން ކަންކަން ކުރުން ނޫން ކަމަށާއި ތެޔޮ ނުވަތަ ގޭސް ހޯދައި ދައުލަތައް އާންމުދަނީ ހޯދާނީ އިންވެސްޓްކުރާ ފަރާތްތަކާއި ދައުލަތައްވެސް ފައިދާ ވާނެގޮތަށް ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ކަން ކުރައްވާނެ ކަމަށާއި އޭރުން ބަޖެޓް ސާޕުލަސް ވެގެންދާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ރާއްޖެއިން ތެޔޮ ހޯދުމަކީ، ރައީސް ޔާމީން ވެރިކަމަށް ކެމްޕެއިން ކުރެއްވިއިރު ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދެވެ.