29 Jan 2014, 21:15
މެރިން ރިސާޗް ސެންޓަރުން ހިންގި މެރިކަލްޗާ ތަހްލީލު ޕްރޮގުރާމްގެ ދަށުން 750 އަށްވުރެ ގިނަ ފާނަ އެއްގަމުގައި ވިއްސުމަށްފަހު އެ ފާނަތައް ބޮޑެތިކުރުމަށް ދޫކޮށްލައިފި އެވެ.
އެއްގަމުގައި ފާނަ ވިއްސައިގެން މަނިޔަފުށީގައި ފިޝަރީޒް މިނިސްޓްރީން ކުރި ދިރާސައަށް ފަހު ޅަ ފާނަތައް ބޮޑުކުރުމަށް އެރަށުގެ ފަޅުތެރޭގައި ހަދާފައިވާ ކޮށީގެތެރެއަށް ދޫކުރުމުގެ މަސައްކަތް މިއަދު ހަވީރު ފައްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.
މިއަދު ހަވީރު މަނިޔަފުށީގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝައިނީ ވިދާޅުވީ ފާނަ ބިސް ނަގައިގެން ވިއްސުމަށްފަހު ފާނަ އާލާކުރުމަށް ހިންގިހަރަކާތުގެ އެންމެ އުނދަގޫ މަރުހަލާ ކާމިޔާބުކަމާއިއެކު ނިމިގެން ދިޔުމުން، އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް އިބުރަތެއް ލިބިގެންދާނެ ކަމަށެވެ.
މި މަސައްކަތް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސަރުކާރުން އަބަދުވެސް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
"މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ފައިސާހުރި މިކަން [ ފަޅުގޮވާމުގެ ފައިދާ ހޯދޭނެ] ބޭފުޅުން. އެކަމު އެ ބޭފުޅުނަށް ބޭނުންވަނީ ޔަގީން ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެނަށް މިދެވުނީ އޭގެ ޔަގީންކަމެއް. މިހިސާބުން މި މަސައްކަތުގައި އަމިއްލައަށްވެސް ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން ކުރިއަށްދާންވީ. ފަންނީ އެހީތެރިކަން އަބަދުވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަނިޔަފުށީގައި މިހާރު ބޭނުންކުރާ ވަސީލަތްތައް އިތުރުކޮށްގެން ފަޅުތެރެއިން ލިބޭ ފައިދާ އިތުރުކުރާނެ ގޮތްތަކުގެ ތަހްލީލުތައް ހަދާނެ ކަމަށެވެ. އަދި ސްކޫލުކުދިނަށް ފަޅުތަކުގެ ފައިދާ ހޯދާނެ ގޮތް އުނގަންނައި ދިނުމަށްޓަކައި ކިޔަވާކުދިންގެ ކަރިކިޔުލަމްގައި ވެސް އެބައި ހިމަނުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބިސްނަގައިގެން ވިއްސުމަށްފަހު ބޮޑު ކުރުމަށް މިއަދު ދޫކޮށްލި ފާނައިގެ ބާވަތަކީ ރާއްޖޭގެ ބާޒާރުގައި ދެ ވަނައަށް އެންމެ އަގު ބޮޑު ފާނައިގެ ބާވަތް ކަމަށްވާ "ކަސް ފާނަ" އެވެ. އަދި މިހާރުވެސް ގާތްގަނޑަކަށް 1000 ކުދި ފާނަ ވިއްސާފައި އެބަހުރި ކަމަށް މެރިން ރިސާޖް ސެންޓަރުން ވަނީ ބުނެފަ އެވެ.