29 Jan 2014, 20:11
ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ކުރުމަށް އަރަބި ގައުމުތަކުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ގަތަރަށާއި ކުވައިތަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނު ގަތަރަށާއި ކުވައިތަށް ކުރައްވާ ދަތުރުފުޅުގެ މަގުސަދަކީ އަރަބި ދުނިޔޭގެ ގައުމުތަކުން އިޖްތިމާއީ ގޮތުން ރާއްޖެއަށް ވަމުންދާ އެހީތައް އިތުރުކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމު ކުރުމަށް އަރަބި ގައުމުތަކުގެ އެހީ ހޯއްދަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަތަރަށާއި ކުވައިތަށް މި ކުރާ ދަތުރަކީ ދިވެހިރާއްޖޭއަށް ހާރިޖީ ގޮތުން އެކި ދިމަދިމާއިން ކުރިމަތިވެފައިވާ ގޮންޖެހުންތައް ރާއްޖޭގެ ދީނީ ވަޙްދަތު ހިމާޔަތް ކުރުމަށް އެބޭފުޅުންގެ އެހީތެރިކަން ހޯދުން، މި ގޮތުން މިދަތުރުގައި އިޖްތިމާއީ ގޮތުން އަރަބި ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ވާން ބޭނުންވާ އެހީތައް އިތުރުކޮށް ހާއްސަ ގޮތެއްގައި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމު ކުރުމަށް އަރަބި ދުނިޔޭގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރާނަން" ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގަތަރަށާއި ކުވައިތަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ އިސްލާމީ ސަގާފަތް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަމަށްޓަކައި އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ކުވައިތަށާއި ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އަރަބިދުނިޔޭގެ އެހީ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.