29 Jan 2014, 20:02
ނޭޕާލްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކްއޯޓަޒް، ބަންޑާރަކޮށީގައި މިއަދު ވަކި ވަކިން ބޭއްވި މިބައްދަލުވުމުގެ ކުރިން ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ އަށް ޖުމްހޫރީ މައިދާނުގައި ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ. އަދި ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮއްޓަށް ވަޑައިގެންނެވީ ބެރު ދުންމާރި ތާޅަފިލީގައި ރަސްމީ އިއްޒަތުގައެވެ.
ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ރާނާ ޑިފެންސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ އަސްކަރީ ގުޅުން ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންނާއި ދެގައުމުގެ މެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެ އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ރާނާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ އަސްކަރިއްޔާގެ މެދުގައި މިހާރަށް ވުރެ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުންނާއި ނޭޕާލުން ދިވެހި ސިފައިންނަށް ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ހޯދުމާގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ދެގައުމުގެ އަސްކަރިއްޔާގެ މެދުގައި ރަސްމީ ވާހަކަތައް ވަނީ ބޭއްވިފައެވެ. މިވާހަކަތަކުގައި ނޭޕާލްގެ އަސްކަރިއްޔާއިން އިސްކޮށް ހުންނެވީ ނޭޕާލްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ އެވެ. އަދި ރާއްޖޭގެ އަސްކަރއްިޔާއިން އިސްކޮށް ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.
އެއަށްފަހު ނޭޕާލްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ ވަނީ ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދަށް ނޭޕާލްގެ ޗީފް އޮފް އާމީ ސްޓާފް ވަޑައިގެންނެވުމުން، މަރުހަބާ ދެންނެވީ އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ. މިރަސްމިއްޔާތުގައި ނޭޕާލްގެ ޗީފް އޮފް އާމީ ސްޓާފް ޑަޔަސްއަށް އަރާވަޑައިގެންނެވުމުން އެމަނިކުފާނަށް އެރައިވަލް ކޯލެއް ވަނީ އަރުވާފައެވެ. އަދި އެމަނިކުފާނުގެ ހާޒިރުގައި ދިދަވެރިން، ޝަހީދުންގެ ބިނާގައި ދިދަ ޕޯސްޓް ކުރިއެވެ. އެއަށްފަހު ޝަހީދުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.
ނޭޕާލްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގައުރަވް ޝުމްޝޭރު ޖުންގް ބަހާދުރު ރާނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލު ބައްދަލުކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.