ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކޮށް ގަނޑުކޮށް ދައްކަން ޖެހޭ ފީ ދެއްކުމަށް 18 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އާމްދަނީ ބިލްތައް ދިރާސާ ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަދީބް ވިދާޅުވީ 50 އަހަރަށް ވާ ކުލި ދެއްކުމަށް ދަތިވާ ފަރާތްތަކަށް އެކުލި ދެއްކުމަށް މިހާރު ހުށައަޅާފައިވާ ތިން މަހުގެ ބަދަލުގައި 18 މަސްދުވަހަށް މުއްދަތު އިތުރުކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

"ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކޮށްފައިވާ ފަރާތްތަކުން މިއޮތީ ކުލި ދައްކާފައި، އެހެންނަމަވެސް އަމިއްލަ ބައެއް ފަރާތްތަކުން އެބަހުރި ދަތިވާ ކަމަށް ބުނެފައި، އެހެންކަމުން މިހާރު ސަރުކާރުން ހުށަހަޅާފައިވާ ތިން މަހުގެ ބަދަލުގައި 18 މަހަށް ދަމާލަންވެސް ތައްޔާރު" އަދީބް ވިދާޅުވި އެވެ.

މީގެކުރިން 50 އަހަރަށް މުއްދަތު އިތުރު ކުރުމަށް ފަހު ގަނޑުކޮށް ފައިސާ ދައްކާ ގޮތަށް ހަމަޖެއްސުމުން އެފަހަރު ފައިސާ ދައްކާފައިވަނީ އެންމެ 18 ފަރާތަކުންނެވެ.

އަދީބު ވިދާޅުވީ އެފައިސާ ތައް ނެގުން މުހިންމުވެފައިވަނީ ދައުލަތުގެ ކޭޝްފުލޯގެ ހާލަތު އޮތް ގޮތުން ކަމަށެވެ. އަދި ދައުލަތަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކުސް ކަމުގައިވާ، ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކޮށް އެމިންވަރު ހަތަރު ވަރަކަށް އަހަރު ހިފެހެއްޓުން މުހިންމު މުހިއްމުކަމަށް ވެސް ޓޫރިޒަމް މިނިސްތަރު ވިދާޅުވި އެވެ.

އިގްތިސާދީ ރިފޯމެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކޮންމެ ހިދެއްގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި އެހެން ނަމަވެސް އިގްތިސާދީ ރިފޯމެއް ގެންނަންޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ. އެގޮތުން ލޭންޑް ރިފޯމެއްގެނެސް ފޮރިން އޯނާޝިޕް ދޭންޖެހޭ ކަމަށާއި އަދި ރިސޯޓްތަކަށް އިންވެސްޓްކުރުމަށް ބެންކު ތަކުންވެސް 40 އަހަރާއި 50 އަހަރުގެ މުއްދަތު ގަބޫލު ނުކުރާ ކަމަށާއި އޭގެ އެންމެ ރަނގަޅު މިންވަރަކީ 99 އަހަރު ކަމަށް އަދީބު ވިދާޅުވި އެވެ. އަދި 99 އަހަރަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިނަމަ ދައުލަތަށް އާމްދަނީ ލިބި ގިނަ ރިސޯޓުތަކުން މުއްދަތު އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނަ، ސިޔާސީ ފަރާތްތަކުން ވާހަކަދައްކަވާއިރުގައި 50 އަހަރަށް 90 އަހަރަށް ރަށްތައް ގެއްލެނިއްޔޭ، ރަށްތައް ހިފައިގެން ނުދެވޭނެ، މިގައުމުގައި އޮޕަރޭޓްކުރާނީ" އަދީބު ވިދާޅުވި އެވެ.

ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ ބިލްތައް ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާނީ މާއްދަމާ ބާއްވާ ކޮމެޓީގަ އެވެ.