"އެއާޕޯޓް ޑިވެލޮޕްމަންޓް އެޑަވައިޒަރީ ކޮމެޓީ"ގެ ނަން "އެއާޕޯޓް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑު" ގެ ނަމަށް ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު އެ ބޯޑު އެކުލަވައިލައްވަފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އަލަށް އެކުލަވައިލެއްވި އެއާޕޯޓް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑު (އޭޑީއޭބީ)ގެ ޗެއާމަނަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސަޢީދު އެވެ.

އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު މަލީހު ޖަމާލާއި، މ. އާބަގީޗާ، ސޮލާހު ޝިހާބު އެވެ.

އެއާޕޯޓް އެޑްވައިޒަރީ ކޮމިޓީއަކީ، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ސަރުކާރަށް ލަފާދެއްވުމަށްޓަކައި 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އުފެއްދެވި ކޮމެޓީއެކެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަލަށް އުފެއްދެވި ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަމަ އެކަނި ބޭފުޅަކީ ސޮލާހު ޝިހާބު އެވެ.