15 Dec 2010, 04:11
ސްވިޑްންގައި ޖިންސީ ޖަރީމާއެއް ހިންގި ކަމަށް ތުހުމަތުކުރުމާގުޅިގެން މިމަހުގެ ހަތްވަނަ ދުވަހު އިނގިރޭސިވިލާތުގައި ހައްޔަރުކުރި އޮސްޓްރޭލިޔާގެ ޖޫލިޔާން އަސާންޖް މިނިވަންކޮށްފިއެވެ. އަސާންޖްގެ މައްސަލަ ބައްލަވާ އިނގިރޭސި ފަނޑިޔާރު ހަވަރޑް ރިޑްލް އަމުރުކުރެއްވީ އަންނަ ޖަނަވަރީމަހުގެ އެގާރަވަނަ ދުވަހު އަސާންޖް ކޯޓަށް ޙާޒިރުވާގޮތަށް ކަފާލާތެއްގެ ދަށުން އޭނާ މިނިވަންކުރުމަށެވެ. އިނގިރޭސި ފުލުހުން، އުމުރުން ތިރީސް ނުވަ އަހަރުގެ ޖޫލިޔާން އަސާންޖް ހައްޔަރުކޮށްފައިވަނީ އޭނާގެ ވިކިލީކްސް ވެބްސައިޓުން އެމެރިކާގެ އެތަށްހާސް ސިއްރު ލިޔުންތަކެއް ބޭޒާރުކޮށްލުމާގުޅިގެން އެމެރިކާގެ ލޯތައް އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަސާންޖްގެ މައްޗަށް ސްވިޑްންއިން ކުރި ޖިންސީ ތުހުމަތުތަކުގެ ފަހަތުގައި އެމެރިކާ ވެދާނެކަމަށް އަސާންޖަށް ތާއީދުކުރާ ފަރާތްތަކުން ލަފާކުރެއެވެ. އެމެރިކާއިން ގެންދަނީ ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކުގެ މައްސަލާގައި އަސާންޖް ހައްޔަރުކުރެވޭނެ ގޮތެއް ނޫނީ އޭނާގެ މައްޗަށް ޤާނޫނީ ގޮތުން ފިޔަވަޅެއް އެޅޭނެ ގޮތެއް އޮތްތޯ ބެލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކުގެ މައްސަލާގައި ޝަރީޢަތަކާނުލާ އަސާންޖް މަރާލުންފަދަ ނާތަހުޒީބު ޢަމަލުތައް ހިންގުމަށްވެސް އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލާފައިވެއެވެ.