24 Mar 2010, 11:28
14:30
ވިކްޓަރީ އެންމެ ފަހުން ކުރި ފަރިތަކުރުންތަކުގައި އިސްމާއިލް މުހައްމަދު (އިއްސޭ) ގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭއެފްސީ ކަޕުގައި ވިކްޓަރީ މިއަދު ސެލަންގޯއާ ދެކޮޅަށް ކުޅޭ މެޗުގައި އިއްސޭ ނުފެންނާނެ ކަމަށް ވިކްޓަރީގެ މެނޭޖަރ މުހައްމަދު ޒިނާން ބުނެފި އެވެ.
ޒިނާން ބުނީ އިއްސޭގެ އަނިޔާއަކީ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ.
އިއްސޭއަށް އަނިޔާވެފައި މިވަނީ އަނިޔާގެ ސަބަބުން ފާއިތުވެދިޔަ ސީޒަނުގައި އެއްކޮށް ނުކުޅެހުރެ، އަނިޔާއިން ސަލާމަތްވެ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށެވެ.
އޭއެފްސީ ކަޕުގައި ވިކްޓަރީ އެންމެފަހުން ވިއެޓްނާމްގެ ބިންޑޮންގ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ކުޅެން ނުކުމެ އިއްސޭ ވަނީ ވިކްޓަރީއަށް ޕެނަލްޓީއެއްވެސް ހޯދާދީފަ އެވެ. އޭއެފްސީ ކަޕުގެ ދެވަނަ ބުރަށް ދިޔުމަށްޓަކައި މިއަދު ސެލަންގޯ ބަލިކުރުން ނޫން ގޮތެއް ވިކްޓަރީއަކަށް ނެތެވެ. ކުޅުނު ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ވިކްޓަރީ ތާވަލްގެ ތިންވަނައިގައި އޮތް އިރު ތާވަލްގެ ފުލުގައި ސެލަންގޯ އޮތީވެސް ޕޮއިންޓަކާއެކު އެވެ. މި ދެ ޓީމު މިއަދު ބައްދަލުކުރާއިރު ފާހަގަ ކޮށްލެވެނީ ދެ ޓީމުގައިވެސް ބިދޭސީ ކުޅުންތެރިޔަކު ހިމެނިފައިނުވާކަމަށެވެ.