ދުނިޔޭގައި ލިޔަން ކިޔަން ނުދަންނަ މީހުން އެންމެ ގިނައީ އިންޑިއާގައި ކަމަށް ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)އިން ބުނެފި އެވެ.

ޔުނެސްކޯގެ 11 ވަނަ "އީއެފްއޭ ގްލޯބަލް މޮނިޓަރިން ރިޕޯޓް"ގައި ވާ ގޮތުން އިންޑިއާގައި ލިޔަން ކިޔަން ނުދަންނަ 287 މިލިޔަން މީހުން އެބަ ތިއްބެވެ. އެއީ އާބާދީގެ 37 ޕަސެންޓެވެ.

އެ ރިޕޯޓްގައި ވާ ގޮތުން އިންޑިއާގެ ލިޔަންކިޔަން ދަންނަ މީހުންގެ ރޭޓް 1991 ވަނަ އަހަރު ހުރި 48 ޕަސެންޓުން 2006 ވަނަ އަހަރު 63 ޕަސެންޓަށް އުފުލުނު ކަމަށެވެ. ނަމަވެސް އާބާދީ އިތުރުވުމުގެ ސަބަބުން އެކުރިއެރުން ގެއްލުނު ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އިންޑިއާއިން ވަނީ އެ ގައުމުގެ ސަރުކާރުން ކުރާ ހަރަދުގެ 10.5 ޕަސެންޓަކީ ތައުލީމަށް ކުރާ ހޭދަ ކަމުގައި ހަދާފަ އެވެ. ނަމަވެސް އެ ގައުމުގެ ކެރެލާފަދަ މުއްސަނދި ސްޓޭޓްތަކުގައި ކިޔަވާ ކުއްޖެއްގެ ބޮލަކަށް 685 ޑޮލަރު ހަރަދުކުރާއިރު، ބިހާރު ފަދަ ފަގީރު ސްޓޭޓްތަކުގައި ހަރަދުކުރަނީ ބޮލަކަށް އެންމެ 100 ޑޮލަރެވެ.