މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީޕްރައިމަރީގެ ނަތީޖާ ބާތިލް ކުރަން ތިން ވޯޓުގެ ތަފާތަކުން އެ ދާއިރާގެ މަޖިލިސް ޓިކެޓް ގެއްލުނު ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑް) އެމްޑީޕީގައި އެދިއްޖެ އެވެ.

އަސްވާޑު "ސަން"އަށް މިއަދު ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ބާތިލް ކުރަން ހުށައެޅުއްވީ އެ ދާއިރާގެ ޕްރައިމަރީގައި ގަލޮޅުގެ މީހުން ވޯޓުލާފައި ވާތީ ކަމަށެވެ. އަދި ވޯޓުލީ މީހުންގެ ޖުމްލަ އަދަދަށް ވުރެ ގިނައިން، ވޯޓު ކަރުދާސް މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށީގައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަސްވާޑުގެ މައްޗަށް ކުރި ހޯދީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އަސްލަމަށް ލިބިވަޑައިގެންނެވީ 137 ވޯޓެވެ. އަސްވާޑަށް ލިބިވަޑައިގެންނެވީ 134 ވޯޓެވެ. އެ ދެބޭފުޅުންގެ ދެމެދުގައި ވަނި ތިން ވޯޓުގެ ފަރަގެކެވެ.

އަސްވާޑު ވިދާޅުވީ މާފަންނު ދެކުނަށް ގ. ފީރޯޒްލޮޖް ގެއިން ދެ މީހަކު ވޯޓުލީ ކަމުގެ ހެކި އެބަ ހުރި ކަމަށެވެ. އަދި ވޯޓުލީ މީހުންގެ ޖުމްލަ އަދަދަށް ވުރެ ގިނައިން ވޯޓު ކަރުދާސް ވޯޓު ފޮށީގައި ހުރިކަން އޮބްޒާވަރުންގެ ވޯޓު ލިސްޓުން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގ. ފީރޯޒްލޮޖް [ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދިރިއުޅުއްވޭ ގެކޮޅު] ގެ އިން ދެ މީހަކު ވޯޓުލާފައިވޭ. ވޯޓު ފޮއްޓަށް ވޯޓުލީ ޖުމްލަ އަދަދު ކެނޑިޑޭޓުންގެ އޮބްޒާވަރުން ދިޔައީ ބަލަމުން. އަދި ނޯޓު ކުރަމުން. އެކަމަކު ވޯޓު ގުނިއިރު، ޖުމްލަ އަދަދު ދިމައެއް ނުވޭ،" ނޫސްވެރިކަމުގެ ދާއިރާގައި އަށް އަހަރު ދުވަހު އުޅުއްވި އަސްވާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި "އިންސާފުވެރި ނިޔާއެއް" ޕާޓީން ކަނޑައަޅައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޕާޓީން ކޮންމެ ގޮތެއް ނިންމި ނަމަވެސް ޕާޓީއަށްޓަކައި މާފަންނު ދެކުނު ގޮނޑި އެމްޑީޕީއަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް އަސްވާޑު ވިދާޅުވި އެވެ.

"އަޅުގަނޑު ނެތިން މާފަންނު ދެކުނު ގޮނޑި އެމްޑީޕީއަށް ގެއްލިގެންދާކަށް. ޕާޓީއަށް ހުށަހެޅުއްވި މައްސަލާގައި ކަނޑައަޅާ ކޮންމެ ނިޔާއަކަށް ގަބޫލުކޮށް، އެ ގޮނޑި އެމްޑީޕީއަށް ގެންދިއުމަށް މިހުރީ ތައްޔާރަށް،" ގއ. ދެއްވަދޫއަށް އުފަން އަސްވާޑު ވިދާޅުވި އެވެ.

ޕްރައިމަރީއާ ގުޅިގެން އަސްވާޑު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމެޓީ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ، އަސްވާޑު ހުށަހެޅުއްވި މައްސަލަ ބެލި ކޮމެޓީން ގޮތެއް ނިންމާފައިވާ ކަމަށެވެ. ކޮމެޓީން ނިންމި ގޮތް މީޑިއާއަށް ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މައްސަލަ ނިންމި ގޮތް އަސްވާޑަށް އެންގުމަށް ޕާޓީގެ ސެކްރެޓޭރިއަޓްގައި ދަންނަވާފައިވާނެ ކަމަށެވެ.