29 Jan 2014, 15:33
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އެކިއެކި ކުށްކުށުގެ އަދަބުގައި ހުކުމް ތަންފީޒުކުރަމުންދިޔަ 24 މީހެއްގެ އަދަބު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ލުއިކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މީހުންގެ އަދަބު ރައީސް ލުއިކޮށްދެއްވާފައި ވަނީ ޝަރުތުތަކަކާ އެކު ކަމަށެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ބައެއް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
"އެކިއެކި ކުށްކުށުގައި ޙުކުމް ތަންފީޛުކުރަން ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި، އަރުވާލާފައިވާ މީހުންނާއި އަދި ގޭގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން، މީހާގެ ޢުމުރަށް ބަލައި، ނުވަތަ ބައްޔަކަށް ބަލައި، ނުވަތަ އެމީހަކު ހޯދަމުންދާ ޞިއްޙީ ފަރުވާއަކަށް ބަލައި، ނުވަތަ އެމީހަކު ހުރި ވަގުތާއި ޙާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތު ކަމުގެ ނަޒަރަށް ބަލައި އަދި އެމީހެއްގެ އުޅުމާއި އަޚްލާގަށް ބަލައި، މީހުންގެ ކުށުގެ އަދަބު ލުއިކޮށްދެއްވާފައި ވަނީ ޝަރުޠުތަކަކާއެކު،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އަދަބު ލުއިކޮށްދެއްވި އިރު ގަސްދުގައި މީހަކު މެރުމުގެ ކުށް ޝަރީއަތަށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދިޔަ މީހުން ނުހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހުންނާއި، ޓެރަރިޒަމްގެ ކުށެއް ކޮށްފައިވާ މީހުންނަށް ވެސް ރައީސް މައާފްދެއްވާފައި ނުވާކަމަށެވެ.
ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގާފައިވާ މީހުންނާއި ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުންގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުންނަށް ރައީސް މައާފްދެއްވާފައި ނުވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށެއް ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު ގްރާމް ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް ވެސް ރައީސް މައާފް ދެއްވާފައިނުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިތުރު މިންގަނޑުތަކަށް ފެތޭ މީހުންގެ ރެކޯޑުތައް ދިރާސާކުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އިތުރު ބަޔަކަށް މައާފު ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.