29 Jan 2014, 14:59
މާލީ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ލިބުނު ފައިދާ އިތުރުވެފައި ނުވުމުގެ ސަބަބުން އެޕަލްގެ ހިއްސާ 9 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
އިއްޔެ އިއުލާނު ކުރި ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި 28 ޑިސެމްބަރު 2013 ގައި އެޕަލްގެ އަހަރީ ފުތަމަ ކުއާޓާ ނިމުނު އިރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 13.1 ބިލިއަން ޑޮލަރެވެ. މިއީ މީގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެ ކުންފުންޏަށް ލިބުނު އަދަދެވެ.
މިދިޔަ ކުއާޓާގައި އެ ކުންފުންޏަށް ލިބިފައިވާ ވަނީ 57.6 ބިލިއަން ޑޮލަރުގެ އާމްދަނީއެވެ. އަދި މި ހިނގާ މާލީ އަހަރުގެ ދެވަނަ ކުއާޓާގައި 42 ބިލިއަން ޑޮލަރާ، 44 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. މިއީ ބާޒާރު ދިރާސާކުރާ ފަރާތްތަކުން ހިތުލައިގެން ތިބި އަދަދަށް ވުރެ ދަށް އަދަދެކެވެ.
މިދިޔަ ކުއާޓާގައި އެޕަލްގެ ސޭލްސް ދަށަށް ގޮސްފައިވާ ސަބަބު ތަކުގެ ތެރޭގައި އޭޝިޔާ ޕެސިފިކް ގައި އެ ކުންފުނީގެ ސޭލްސް 9 އިންސައްތަ ދަށަށް ދިއުން ހިމެނެއެވެ. މީގެ ސަބަބެއް ކަމަށް އެ ކުންފުނިން ދެކެނީ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ފައިސާގެ އަގަށް އައިސްފައިވާ ބަދަލެވެ. އޭގެ ތެރޭގައި ހާއްސަކޮށް ޖަޕާނުގެ ޔެން އަށް އައިސްފައިވާ ބަދަލު ހިމެނެއެވެ.
އެމެރިކާގައި ވެސް އެޕަލްގެ ސޭލްސް ވަނީ ދަށަށް ގޮސްފަ އެވެ. މީގެ ސަބަބަކީ އެހެން ސްމާޓް ފޯން ތަކާ އަޅާ ބަލާއިރު “އައިފޯން 5އެސް” ގެ އަގު ބޮޑުވުމެވެ. އަދި އެ ފޯނު ނެރުނުތާ ކައިރީ ލިބިފައިވާ ފައިދާ ބޮޑުވުމުގެ ސަބަބުން ޖެހިގެން އައި ކުއާޓާއާ އަޅާ ބަލާއިރު ފައިދާ އަށް އައިސްފައިވާ ފަރަގު ބޮޑީ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޕަލް އިން ވަނީ ނިމިގެން ދިޔަ ކުއާޓާގައި މުޅި އެކު 51 މިލިއަން އައިފޯނާއި 26 މިލިއަން އައިޕެޑް ވިއްކާފަ އެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ބުނީ އައިފޯނާއި އައި ޕްޑް ވިކުނު އަދަދާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.
އެޕަލްގެ ކުއާޓާލީ ސޭލްސް ދަށަށް ގޮސްފައި ވީ ނަމަވެސް، ޗައިނާއާއި ޓައިވާން އަދި ހޮންކޮންގް ގައި އެ ކުންފުނީގެ އާމްދަނީ ވަނީ 29 އިންސައްތަ މައްޗަށް ޖެހިލާފަ އެވެ.
“ގްރޭޓާ ޗައިނާގައި (ޗައިނާ ޓައިވާން އަދި ހޮންކޮންގް) ގައި އަހަރަމެންނަށް ވަރަށް ރަނގަޅު ކުއާޓާ އެއް،” ޓިމް ކުކް ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހު އެޕަލް އިން ވަނީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލްފޯން އޮޕަރޭޓަރު، ޗައިނާ މޮބައިލް އާ އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި ޖެނުއަރީ މަހު 17 އިން ފެށިގެން ޗައިނާ މޮބައިލްގެ ފިހާރަ ތަކުގައި ވަނީ އައިފޯން ވިއްކަން ވެސް ފަށައިފަ އެވެ.
“މިދިޔަ ހަފްތާ އަކީ ޗައިނާގައި [ހަފްތާއެއްގެ ތެރޭގައި] އެންމެ ގިނަ އައިފޯން ބޭނުންކުރަން ފެށި ހަފްތާ،” ޓިމް ކުކް ބުނެޏެވެ.
ޗައިނާގައި އައިފޯން އަދި ލިބެން ހުރީ 16 ސިޓީއެއްގަ އެވެ. މި އަހަރު ނިމެން ވާ އިރަށް 300 ސިޓީއެއްގައި އައިފޯން ވިއްކަން ފެށޭތޯ އެޕަލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.