ޗައިނާ އިން ރާއްޖެއަށްދޭ ހިލޭ އެހީއާއި ލޯނުގެ ބޭނުން ރާއްޖޭން އެންމެ ރަނގަޅުގޮތުގައި ކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އެގައުމުގެ ސަފީރު ވޭން ފުކާން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޗައިނާގެ އާއަހަރު ފާހަގަކުރުމަށާއި އާސަފީރު ތައާރަފް ވެވަޑައިގެންނެވުމަށް ރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހަފުލާއެއްގަ އެވެ.

"ޗައިނާގެ ހިލޭ އެހީއާއި ކޮންސިޝަނަލް ލޯންތައް ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ދިވެހި ސަރުކާރާ އެކު އަޅުގަނޑުމެން ބަލާނަން،" ވޭން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖެ އަށް މިދިޔަ އަހަރު ޗައިނާގެ 330،000 ޓޫރިސްޓުން ޒިޔާރަތް ކުރި ކަމަށާއި އެކަން އެއީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި އެއަދަދާ އެކު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ޗައިނާ ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޗައިނާގެ ތަރައްގީ އިން ރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކަށް ފައިދާކުރަން އެގައުމުން ބޭނުންވާ ކަމަށެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވެން ހުރި ރާއްޖޭން ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ދެގައުމުގެ ދެމެދުގައި (މިހާރުވެސް) އޮތީ ވަރުގަދަ ގުޅުމެއް ކަމަށެވެ.

"ތިޔަ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ޗައިނާއާ ރާއްޖެއާ ދެމެދު އޮތ ގުޅުން ވަރުގަދަ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން ދާނަން،" ދުންޔާ ވިދާޅުވި އެވެ.