މިހާރު ކުރިއަށް ގައުމީ ވޮލީބޯޅަ ލީގު ދެވަނަ ޑިވިޒަންގެ ސެމީ ފައިނަލުން ޕޮލިސް ފެމިލީ އެސޯސިއޭޝަން (ޕީއެފްއޭ) ޖާގަ ހޯދައިފި އެވެ.

ޕޮލިސް ފެމިލީ އެސޯސިއޭޝަން ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ އެ މުބާރާތުގެ ކުއަޓާ ފައިނަލުގައި ފުނަދޫ ޒުވާނުންގެ ރޫހާއި ވާދަކޮށް ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗުގެ ސެޓްތައް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ކާމިޔާބުކޮށްފައި ވަނީ 25-19، 27-25 އަދި 25-22 އިންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިސް ފެމިލީ އެސޯސިއޭޝަނަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ސަމީރާ ޕްރަގީތު އެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކި މެކާނޯ އާއި ސްޕޯޓްސް ކުލަބް ސިޓީ އެވެ. އަދި ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މާދަމާ ރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ޕޮލިސް ފެމިލީ އެސޯސިއޭޝަން އާއި ސާއްބާ އެކުވެރި ކުލަބެވެ.

ސެމީ ފައިނަލް މެޗުތަކުން މޮޅުވާޓީމެއް ފައިނަލަށް ދަތުރު ކުރާއިރު، ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައެވެ. އަދި އެ މުބާރާތުގެ ތިން ވަނަ ހޮވާ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:30 ގައެވެ. ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ސެމީ ފައިނަލް މެޗްތަކުން ބަލިވާ ދެ ޓީމެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއް ވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ޓީމްތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.