މެލޭޝިއާ އަށް ކިޔަވަންދާ ދަރިވަރުން އެގައުމަށް ކިޔަވަން ދިއުމުގެ ކުރިން އެންޓްރީ ވިސާ ނަގަން ޖެހޭ ގޮތަށް މެލޭޝިއާގެ ސަރުކާރުން ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އެ އުސޫލަކީ ދިވެހިންނަށް ހާއްސަ އެންގުމެއް ނޫން ކަމަށާއި މެލޭޝިޔާ އަށް ކިޔަވަންދާ ހުރިހާ ގައުމެއްގެ ކުދިންގެ މައްޗަށް ވެސް އެ ގަވާއިދު ހިނގާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެގޮތަށް ހަމަޖައްސައިފައި ވަނީ މެލޭޝިއާގެ އިމިގްރޭޝަންގެ ގަވާއިދަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން ކަމަށެވެ. އަދި މެލޭޝިއާ އަށް ކިޔަވަންދާ ދިވެހި ކުދިންނަށް ސްޓޫޑެންޓް ވިސާ އެޕްރޫވަލް ލޭޓާ ލިބުމުން، އެންޓްރީ ވިސާ ނެގުމަށް އެޕްލިކޭޝަން އެ މިނިސްޓްރީ އަށް ހުށަހެޅުމުން ކޮލަމްބޯގައި ހުންނަ މެލޭޝިއާގެ ހައިކޮމިޝަން މެދުވެރިކޮށް އެކަމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ކުރިން އޮންނަ ގަވާއިދުގެ ދަށުން ސްޓޫޑެންޓް ވިސާ އެޕްރޫވަލް ލިބިފައިވާ ނަމަ ވިސާ ނުނަގައި މެލޭޝިއާ އަށް އެތެރެވެވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ ލިބުމުގެ ކަންތައްތައް ހަމަޖެއްސުމަށް މެދުވެގެން 10 ވަރަކަށް ދުވަސް ނަގާނެ ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު އެ މިނިސްޓްރީ އަށް ގުޅުމުން ލިބޭނެ ކަމަށެވެ.