29 Jan 2014, 13:22
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެކެއްގައި އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓް އަތުން 3-1 ވިކްޓަރީ ސްޕޯޓްސް ކުލަބް މޮޅުވެއްޖެ އެވެ.
ޓާފް އެއްނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގި ވިކްޓަރީން ނެވެ. އެލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ރިޒުހާނެވެ. އަދި ވިކްޓަރީއަށް ލީޑް ފުޅާކޮށްދިން ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ވަހީދެވެ. އަދި ގްރީން ސްޓްރީޓް ކޮޅަށް ވިކްޓަރީން ޖެހި ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތު ކުޅުގެ ތެރޭގައި އެޓީމަށް ޖަހައިދިނީ ހުސެއިން ޝާމީނެވެ.
ވިކްޓަރީގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވަނީ ގްރީން ސްޓްރީޓްގެ ފަރާތުންނެވެ. އެގޮތުން ދެވަނަ ހާފްގެ ކުރީ ކޮޅު ގްރީން ސްޓްރީޓުގެ ހުސައިން ޖަލީލް ވަނީ ވިކްޓަރީ ކޮޅަށް ލަނޑެއް ޖަހާ އެޓީމްގެ ސުން ކަނޑުވާލައިފަ އެވެ. ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަކަން ފާހަގަ ކޮށްލެވުނެވެ.
މިމުބާރާތުގައި މިއަދު ހަވީރު 4:10ގައި ގްރޫޕް ބީގެ މާޒިޔާ އާއި ވޭވަރު ސްޕޯޓްސް ބައްދަލުކުރާ އިރު، މިރޭ 9:00ގައި ބައްދަލުކުރާ ދެ ޓީމަކީ ހަމަ މިގްރޫޕްގެ ވައިކަރަދޫ އާއި ނިއުރޭޑިއަންޓެވެ.
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާ އިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސްޓީމެވެ.
މުބާރާތް ރާވާފައި ވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމާ އެކު އަށް ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.
އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.