އެމެރިކާއިން ދުނިޔޭގެ އެކި ގައުމުތަކަށް ދޭ ސްކޮލަޝިޕް ފުރުސަތެއް ކަމަށްވާ "ފުލްބްރައިޓް ސްކޮލަޝިޕް" އިތުރު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ދިވެހި ދަރިވަރުންނަށް ދިނުމާ ބެހޭ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝޭލް ސިސޮން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސިސޮން ވިދާޅުވީ ފުލްބްރައިޓް ސްކޮލަޝިޕަކީ އެމެރިކާ ސަރުކާރުން ދޭ އެންމެ މުހިއްމު އަދި އެންމެ އަގުހުރި ސްކޮލަޝިޕް ފުރުސަތު ކަމަށެވެ.

"މިއީ ޔުނައިޓެޑް ސްޓޭޓްސް ސަރުކާރުންދޭ އެންމެ މުހިއްމު، އެންމެ އަގުހުރި ސްކޮލަޝިޕް. 1946 ވަނަ އަހަރު ސެނެޓަރު ވިލިއަމް ފުލް ބްރައިޓް ހުށަހެޅުއްވި މި ސްކޮލަޝިޕްގެ ދަށުން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ މޮޅު އިލްމުވެރިން ތަމްރީނުކޮށްފައި،" ސިސޮން ވިދާޅުވި އެވެ.

ފުލްބްރައިޓް ސްކޮލަޝިޕް އެއްބަސްވުމުގައި އެމެރިކާއިން ރާއްޖެއާއެކު ފުރަތަމަ ސޮއިކުރީ 2003 ވަނަ އަހަރު އެވެ. އަދި އެއެއްބަސްވުމުގެ ދަށުން ރާއްޖޭގެ 21 ދަރިވަރަކު ކިޔެވުން ފުރިހަމަކޮށްފައިވާ ކަމަށް ސިސޮން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ލިބޭނީ އެމެރިކާގެ ފެންވަރު ރަނގަޅު ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ދަރިވަރުން އެކި އެކި ދިރާސާތައް ކުރުމަށް ރާއްޖެ އައުމަށް ޝައުގުވެރިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކާގެ އިތުރު ފުލްބްރައިޓް ދަރިވަރުން ރާއްޖެ އައުމަށް އަޅުގަނޑުމެން ޝައުގުވެރިވޭ. ތައުލީމާއި އިސްލާމިކް ސްޓަޑީޒް އާއި ޓޫރިޒަމް ފަދަ މައުލޫތަކުން ދިރާސާތައް ކުރުމަށް އެމެރިކާގެ ދަރިވަރުން ކުރިން ވެސް ރާއްޖެއައި،" ސިސޮން ވިދާޅުވި އެވެ.