29 Jan 2014, 13:07
ޗައިނާ އިން ހޮންގް ކޮންގަށް އެތެރެކުރި ކުކުޅުތަކަކުން އެޗް7އެން9 ވައިރަސް ފެނުމާ ގުޅިގެން 20،000 ދިރޭ ކުކުޅު ނައްތާލާފައިވާ ކަމަށް ހޮންގް ކޮންގްއިން ބުނެފި އެވެ.
ހޮންގް ކޮންގް ސަރުކާރުން ބުނީ އެޗް7އެން9 ވައިރަސް ފެނުނު ބާޒާރުގައި ވިއްކަން ގެންގުޅުނު ހުރިހާ ދިރޭ ކުކުޅެއް ނައްތާލަން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި މިއާ އެކު ތިން ހަފުތާގެ މުއްދަތަށް ހޮންގް ކޮންގްއިން ދިރޭ ކުކުޅު އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.
ބާޑް ފުލޫ ބަލީގެ މިއުޓޭޝަނެއް ކަމަށްވާ އެޗް7އެން9ގެ ވައިރަސް ކުކުޅާއި އަސްދޫނީގެ ގައިން އިންސާނުންގެ ގަޔަށް ޖެހެން ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.
ހޮންގް ކޮންގް ބާޒާރަކުން އެޗް7އެން9 އަށް ޕްޒިޓިވްވި ކުކުޅު ފެނިފައިވާ އިރު، މިކުކުޅުތައް އެތެރެކުރި ޗައިނާއިން ބުނީ ޒީޖިއަންގް ޕްރޮވިންސްގެ ތިން ސިޓީއެއްގައި ދިރޭ ކުކުޅު ވިއްކުން މަނާކޮށްފައިވާ ކަމަށެވެ. ޗައިނާއިން މީގެ ކުރިން ބުނެފައި ވަނީ ޒީޖިއަންގް ޕްރޮވިންސްގައި އެޗް7އެން9 ޖެހިގެން 12 މީހަކު މިމަހުގެ ތެރޭގައި މަރުވެފައިވާ ކަމަށެވެ.
ޗައިނާ އިން ވަނީ ޝަންހާއީގައި ވެސް ތިން މަސް ދުވަހުގެ މުއްދަތަކަށް ދިރޭ ކުކުޅު ވިއްކުން މަނާކޮށްފަ އެވެ.
މިހާތަނަށް ބާޑް ފުލޫގެ އެޗް7އެން9 ފެނިފައި ވަނީ ޗައިނާ، ހޮންގް ކޮންގް އަދި ޓައިވާނުން ނެވެ. އެޗް7އެން9 ޖެހިގެން 200 މީހަކު ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 50 މީހުން މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.