ސްޓޭޓަސް އޮފް ފޯސް އެގްރީމެންޓް (ސޯފާ)ގައި ސޮއިނުކުރުމަށް ރާއްޖޭން ނިންމި ނިންމުމާ ގުޅިގެން އެމެރިކާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ހީނަރު ކަމެއް ނާންނަ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެމެރިކާއިން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަޝިޕް ދިނުމާ ބެހޭ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

"...އެއްގޮތަކަށް ވެސް ހީނަރު ކަމެއް ނާދޭ. ދެންމެ ވެސް ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ އޮތް ގުޅުން، އެގްރިމެންޓްގައި ސޮއިކުރުން. އަދިވެސް ވަރަށް ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރަމުން ދަނީ،" ސޯފާގައި ސޮއި ނުކުރަން ނިންމުމުން ގުޅުމަށް އެއްވެސް ހީނަރު ކަމެއް އައިތޯ ނޫސްވެރިއަކު ދެންނެވުމުން މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ސޯފާ އެގްރިމެންޓާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ރަސްމީކޮށް ވާހަކަ ނުވެސް ދައްކާ ކަމަށެވެ. އަދި ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއި ނުކުރަމަށް ސަރުކާރުން ނިންމެވި ނިންމެވުމާމެދު ތަފުސީލަކަށް ވަޑައިގަންނަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

"...ނުރަސްމީކޮށް ކޮންމެ ވެސް ވަރަކަށް ވާހަކަތަކެއް ދެކެވިފައި އޮތީ. ރަސްމީކޮށްނެއް ރާއްޖެ ސަރުކާރަކާ ޔޫއެސް އަކުންނެއް އެޕްރޯޗް ކުރައްވާފައެއް ނުވޭ،" ދުންޔާ ވިދާޅުވި އެވެ.

ސޯފާ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ނުކުރާނެ ކަން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ހާމަ ކުރެއްވީ ދާދި ފަހުން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.