29 Jan 2014, 12:58
ގައުމީ ރޫހާ އެކު، ބޭނުންވާ ހިދުމަތްތައް ރައްޔިތުންނާ އެންމެ ގާތުން ދިނުމުގެ މަސައްކަތް ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަލަށް އިންތިހާބުވި ކައުންސިލްތަކަށް ގޮވާލައިފި އެވެ.
މިއަދު އެލްޖީއޭ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެ އޮތޯރިޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ މިފަހަރު ފެނިގެންދާނީ "އާ އެލްޖީއޭއެއް" ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެލްޖީއޭ އަށް އައްޔަނުކުރައްވާފައިވާ ނާޒިމް ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރުމަށް ބޭނުންވާ ތަމްރީންތައް ކައުންސިލަރުންނަށް ދިނުމަށް އެލްޖީއޭ އިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ވެސް ތަމްރީންގެ ގިނަ ފުރުސަތުތަކަކާއި ކައުންސިލްގެ ޒިންމާތަކާ ބެހޭ ގޮތުން ގިނަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ދައުރު އަދާކުރުމުގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކައުންސިލްތައް އިންތިހާބުކުރެވެނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިކަން ކުރުމުގައި ސަރުކާރަށް އެއްބާރުލުން ނުދީ، ކައުންސިލްގެ ޒިންމާ އަދާނުކުރާ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމުގައި އެލްޖީއޭ އިން ފަހަތަށް ނުޖެހޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިއީ މިހާރު އާ އެލްޖީއޭއެއް. އެބޭފުޅުންނަށް ވެސް (ކައުންސިލަރުން) އެކަން އެނގޭނެ. ޒިންމާ އަދާނުކޮށްދާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅާނަން. އުވާލަން ޖެހިއްޖެ ނަމަ ކޯޓު މަރުހަލާ މެދުވެރިކޮށް އެކަން ވެސް ކުރާނަން." ނާޒިމް ވިދާޅުވި އެވެ.