އިނގިރޭސި ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، އާސެނަލް ކުޅުނު މެޗް އެއްވަރު ވެއްޖެ އެވެ.

ރޭ ޔުނައިޓެޑް މޮޅުވީ ކާޑިފް ސިޓީ އާއި ބައްދަލުކޮށް 2-0 ލަނޑުން ނެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމާ އަލަށް ގުޅުނު ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ވެސް ކުޅުނެވެ. ޗެލްސީ އަށް ކުޅުމަށް ފަހު، މާޓާ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު 37.1 މިލިޔަން ޕައުންޑަށެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރޭ ކާޑިފް ސީޓީ ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ހަ ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ރޮބިން ވެން ޕާސީ އެވެ. އަދި އެޓީމުގެ ދެވަނަ ގޯލް މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ވިންގާ ޔަންގް އެވެ.

ރޭގެ މޮޅާއެކު ލީގުގައި ޔުނައިޓެޑް އޮތީ 40 ޕޮއިންޓާއެކީ ހަތް ވަނަ މަގާމުގަ އެވެ.

ރޭ ކުޅުނު މެޗުން އާސެނަލް އެއްވަރުވީ ސައުތުހެމްޓަން އާ ވާދަކޮށް 2-2 ލަނޑުންނެވެ. ރޭގެ މެޗުން އާސެނަލް އެއްވަރުވި ނަމަވެސް އަދިވެސް ލީގުގެ އެއް ވަނަ މަގާމަގައި 52 ޕޮއިންޓާއެކު އޮތީ އެ ޓީމެވެ. އެކަމަކު އާސިނަލަށް މިހާރު ކުރިމަތިވެފައިވާ ބިރަކީ އެ މަގާމް މާދަމާ ރޭ ގެއްލި ދާނެ ކަމުގެ ބިރެވެ. ސަބަބަކީ މިރޭ ރާއްޖެ ގަޑިން މެންދަމު 12:45 ގައި މެންޗެސްޓަ ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ ސިޓީ ލީގުގެ އެއްވަނަ މަގާމަށް އަރާނެތީ އެވެ. ލީގުގައި ސިޓީ މިވަގުތު އޮތީ 50 ޕޮއިންޓާއެކު ދެ ވަނަ މަގާމު އެވެ.

އިނގިރޭސި ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ކްރިސްޓަލް ޕެލެސް ވަނީ ހަލް ސިޓީއަތުން 1-0 މޮޅުވެފަ އެވެ. އަދި ލިވަޕޫލް 4-0 އެވަޓަން އަތުން މޮޅުވިއިރު، ނޯވިޗް ސިޓީއާއި ނިއުކާސަލް ބައްދަލުކުރި މެޗް ނިމުނީ ދެ ޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. އަދި ސްވަންސީ ވަނީ ފުލަމް އަތުން 2-0 ލަނޑުން މޮޅުވެފަ އެވެ.