މަރުގެ އަދަބު ތަންފީޒުކުރުމާ މެދު ޔޫރަޕްގެ ގައުމުތަކުން ދެކޮޅު ހަދާ ކަމަށާއި މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރާ ނަމަ އެކަން ކުރާނީ ޝަރީއަތާ ފުށުނާރާ ގޮތައް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން ދެކޮޅު ހެދި ނަމަވެސް ޝަރީއަތުގައި އޮންނަ ކަމަކަށް ވާތީ އެކަމާ ސަރުކާރުން ފުންކޮށް ވިސްނަވާނެ ކަމަށެވެ.

"މީގައި ހަމަ ޔޫރަޕްގެ ގައުމުތަކުން، ޔޫކޭއިން ވަރަށް ބޮޑަށް ޑެތު ޕެނަލްޓީ ނުވަތަ މަރުގެ ހުކުމާ އެބޭފުޅުން އިދިކޮޅަށް މަސައްކަތް ކުރައްވާ. އެބޭފުޅުން ދެން އާއްމު ގޮތަކަށް މިބޭނުންކުރައްވާ އާގިއުމެންޓަކީ އެހުކުމް ވަކި ގެނެސްގެނެއް އެކުށް ވަކި މަދުވާތަނެއް ފެނިގެންނެއް ނުދެއޭ. ކުރިން ވެސް އަޅުގަނޑު ދެންނެވި ގޮތަށް މިސަރުކާރަކީ އިސްލާމީ އުސޫލުތަކަށް ބިނާވެފައި އޮތް ސަރުކާރެއް. އެހެންވީމާ އެއީ ޝަރީއަތުގައި އޮންނަ ކަމަކަށް ވާހިނދު އަޅުގަނޑަށް ޔަގީން ވަރަށް ފުންކޮށް ވިސްނަވާފައި އެންމެ އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދަވާނީ،" ދުންޔާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައުޔެއް ވެސް ބޭނުންވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ކުރިއަށް ދާނީ ރާއްޖޭގެ ރައްޔިތުންގެ ހިޔާލުވެސް ހޯއްދަވައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑަށް ޔަގީން ސަރުކާރުން ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ނޫނީ ކުރިއަށް ގެންދެވުމެއް ނޯންނާނެކަން. ދެން މަޖުލިސަށް ވެސް މިހާރު ބިލެއް ހުށަހެޅިފައި އޮތީ. އެހެންވީމާ މަޖުލިސްގެ މީގައި ރައުޔުވެސް ބޭނުންވާނެ. ދެން އަދި މިކަހަލަ މުހިއްމު ފިޔަވަޅެއްގައި ކުރިއަށް ދާއިރު އަޅުގަނޑަށް ޔަގީން ކަމާ ބެހޭ ރާއްޖޭގެ ރައްޔިތުންގެ ހިޔާލާ އަދި އެކިއެކި ދާއިރާތަކުން ވެސް ހިޔާލުތައް ހޯއްދަވައިގެންކަން ސަރުކާރުން ކުރިއަށް ވަޑައިގަންނަވަންޏާ ވަޑައިގަންނަވާނީ،" ދުންޔާ ވިދާޅުވިއެވެ.

އެކަމަނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ، "މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމާ ގުޅިގެން ބޭރުގެ އެއްވެސް ގައުމަކުން އެކަމާ މަޝްވަރާކޮށްފައި ވޭތޯ؟" ނޫސްވެރިއަކު ދެންނެވުމުންނެވެ.

ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރުމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަމުރުކުރެއްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.ރ