މޯލްޑިވްސް އީ-ސްޕޯޓިން އެސޯސިއޭޝަނާއި މޯލްޑިވްސް ޝޫޓިން އެސޯސިއޭޝަން އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ އިސްވެރިންނާއުކު ކުޅިވަރާބެހޭ މިނިސްޓަރު މުހައްމަދު މަލީޙު ޖަމާލު ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ވެލާނާގޭގައި ވަކި ވަކިން ބޭއްވުނު ބައްދަލުވުންތަކުގައި މިނިސްޓަރު ވަނީ ސަރުކާރުން ކުޅިވަރާއި ޒުވާނުންގެ ތަރައްގީ އާއި ކުރިއެރުމަށް ދޭ ހާއްސަ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާ އެއެސޯސިއޭޝަންތަކުގެ އިސްވެރިންނާ މަސްވަރާކޮށްފައެވެ.

އިއްޔެގެ މަސްވަރާތަކުގެ ތެރޭގައި ބޮޑަށް އަލިއަޅުވާލެވުނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގައިމުކުރެވޭ ސްޕޯޓްސް އެރޭނާ ތަކާއި ބެހޭ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ އަޕްޑޭޓް އެ އެސޯސިއޭންތަކަށް އެރުވުން ކަމަށް ޔޫތު މިނިސްޓުރީން މައުލޫމާތު ދެއެވެ. އަދި އެ އެރޭނާތައް ގާއިމު ކުރެވުމުން އެކި އެކި ކުޅިވަރުތަކުގެ އަތޮޅުތެރޭގައި ޒޯން މުބާރާތްތައް އަލުން ދިރުވައި ޒުވާނުންގެ ހުސްވަގުތުތައް ބޭނުންތެރި ގޮތަކަށް ހޭދަކުރުމަށް ސަރުކާރުން ކުރުމަށް ވިސްނާފައިވާ މަސައްކަތްތަކަށް އެސޯސިއޭޝަންތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް އިއްޔެގެ ބައްދަލުވުމުގެ މިނިސްޓު އެދިވަޑައިގެންނެވި ކަމަށް ވެސް މިނިސްޓުރީން ބުންޏެވެ.

އިއްޔެ މިބައްދަލުވުމުގައި، އެ އެސޯސިއޭޝަންތަކުން މިހާރު ހިންގަވާ އެކި އެކި ޕްރޮގްރާމް ތަކާއި، ދިމާވާ ދަތިތަކުގެ މައްޗަށް ވެސް މަޝްވަރާ ކުރެވުނެވެ. އަދި މިހާރު އެއެސޯސިއޭޝަންތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އެއެސޯސިއޭޝަންތަކަށް ދެއްވާފައިވާކަމަށް ވެސް މިނިސްޓުރީން ބުންޏެވެ.

ޔޫތު މިނިސްޓްރީ އާއި ހުރިހާ ކުޅިވަރު ޖަމިއްޔާތަކާއި އެކު ސެމިނާ އެއް ވަރަށް އަވަހަށް އިންތިޒާމު ކުރައްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.