14 Dec 2010, 19:06
ރާއްޖޭގެ ހަކަތައާ ބެހޭ ސިޔާސަތެއް އެކުލަވާލުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، ހަކަތައިގެ ޕޮލިސީއާއި ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުން ހައުސިން މިނިސްޓާ މުހައްމަދު އަސްލަމް ހުށަހެޅުއްވި ކަރުދާހަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރެއްވިއިރު، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް ހެޔޮއަގުގައި ހަކަތަ ބޭނުންކުރެވޭނެ ގޮތްތައް ހޯދައި، ތަނަވަސްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.
އަދި، ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް ސާފުކޮށް އެނގެން އޮތުމަކީ، ފޮސިލް ފިއުލްގެ ބަދަލުގައި ތިމާވެއްޓާ ރަހްމަތްތެރި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަތަކަކާއި ކުރިއެރުމެއް ލިބިގެންދާނެކަމެއް ވަޒީރުން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައްޖޭގެ ހަކަތައިގެ ބޭނުންތައް ފުއްދަމުން އަންނަނީ މައިގަނޑު ގޮތެއްގައި ބޭރުން އެތެރެކުރާ ތެލުގެ ބާވަތްތަކުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، ހަކަތައިގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރަނީ ޑީސަލް އެވެ. އަދި އެންމެ ގިނައިން ހަކަތަ ބޭނުންކުރަނީ ކަރަންޓް އުފެއްދުމަށާއި، ދަތުރުފަތުރުގެ ދާއިރާގަ އެވެ.