ދިވެހިރާއްޖޭގެ ސައިބާ ގޭމިން އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ސައިބާ ގޭމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ނަމުގައި ޖަމިއްޔާ އެއް އުފައްދައި، އެ އެސޯސިއޭޝަންގެ ބޯޑަށް މެމްބަރުން ހޮވައިފި އެވެ.

ސައިބާ ގޭމިން އެސޯސިއޭޝަން އުފެއްދުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާ ގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީޙު ޖަމާލު ވިދާޅުވީ ޒުވާނުންތަކެއްގެ އިސްނަގައިގެން މިފަދަ ކަންތައްތައް ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެ އެސޯސިއޭޝަނަށް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ތެރޭގައި ގާއިމުކުރެވޭ ސްޕޯޓްސް އެރޭނާ ތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި ހިމެނޭ އެރޭނާ ތަކުގައި، ގޭމިން އަށް ހާއްސަ ތަނެއް ހިމެނުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ ޒިންމާދާރު، ގައުމަށް ފައިދާ ކުރަނިވި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ހިފާވައިވާ އަމާޒަށް ވާސިލްވުމަށް ގޭމިން އެސޯސިއޭޝަންގެ އެހީތެރިކަމާއި އެއްބާރުލުމަށް މިނިސްޓަރު ވަނީ އެޖަލްސާގައި އެދިވަޑައިގެންފައެވެ.

އެ އެސޯސިއޭޝަން އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގައި ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

އެޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން، ގޭމިން އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމްދޫނު ވަނީ މިއަހަރު ބޭއްވުމަށް ރާވާފައިވާ އެކި އެކި ހަރަކާތްތަކުގެ ކުރު ތައާރަފެއް ދެއްވާފައެވެ.