ޕްރެޒެންޓަރެއްގެ ގޮތުގައި މަގުބޫލްކަން ހޯދާފައިވާ އައިމިނަތު ނަމްޒާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

ނަމްޒާ މިއަދު ސަން އަށް ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ ޕީޕީއެމް ޓިކެޓް ހޯދެއްވުމަށް އޭނާ މިހާރު އެޕްލިކޭޝަން ހުށައަޅުއްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ދާއިރާ އަށް ނުކުތުމަށް ވިސްނީ ރިޔާސީ އިންތިހާބްގެ ތެރޭގައި "ސިޔާސީ ކަންކަމުގައި އުޅެވިފައިވާތީ، އެދާއިރާގައި އުޅެވޭނެކަން ޔަގީންވާތީ" ކަމަށެވެ.

ނަމްޒާ އިތުރަށް ވިދާޅުވީ ޕްރެޒެންޓްކުރުމަކީ ޕާޓައިމްކޮށް އޭނާ ކޮށްއުޅޭ ކަމެއްކަމަށާއި ދެން އޭނާ ފެނިގެން ދާނީ ސިޔާސީ ދާއިރާ އިން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންތަކުގައި ޕީޕީއެމްއިން ބޭއްވި ބައެއް ޝޯތައް ނަމްޒާ ހޯސްޓް ކޮށްދީފައިވާ އިރު އޭނާ އެ ޕާޓީ އަށް ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ނަމްޒާ އަށް ގަލޮޅު އުތުރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ލިބިއްޖެ ނަމަ އޭނާ ވާދަކުރައްވަން ޖެހޭނީ އެމްޑީޕީ އިން އެ ދާއިރާގެ ގޮނޑި ކަށަވަރުވެފައިވާ، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އީވާ އަބުދުއްﷲ އާ އެވެ.

މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ)ގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު އައިޝަތު ލީޒާ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީ އަށް ކުރިމަތިލައްވާފއިވާ އިރު ދިޓީވީގެ މަޝްހޫރު ޕްރެޒެންޓަރު މުހައްމަދު އަމީތު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަކަށް ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓެއް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.