29 Jan 2014, 11:11
ގ. ވޭރު އަބްދުލްމުހީތު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 18 އަހަރުން ދަށުގެ ކުއްޖަކު މެރުމަށް ހުކުމް ކޮށްފައި ވަނީ އެކަށީގެންވާ ހެކި ނެތި ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.
އެ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
އެ ދެ ކުދީންގެ ތެރެއިން މައްސަލަ އިސްތިއުނާފުކޮށްފައި ވަނީ އެންމެ ކުއްޖެކެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ހުށަހަޅުއްވަމުން އެ ކުއްޖާގެ ވަކީލު ވިދާޅުވީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށެވެ.
ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީން ހާދިސާ ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފައި ނުވާ ކަމަށެވެ. އެގޮތުން މުހީތުގެ ޖާނަށް އެ ކުއްޖާ ހަމަލާދިން މަންޒަރު ދުށްކަމަށް ހެކީން ހެކިބަސްދީފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
އެ މައްސަލަ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އެ މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.