އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 300 މީހުން ރަޖިސްޓްރީ ނުކުރާ ނަމަ ރާއްޖެ އިން ބޭރުގައި ވޯޓް ފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އިއްޔެ އާންމުކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ރިސޯޓްތަކުގައި ވޯޓް ފޮށި ބައްހައްޓާނީ އެ ރިސޯޓެއްގައި ވޯޓް ލުމަށް 100 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓު ފޮއްޓެއް ބަހައްޓާނީ ރާއްޖޭގެ ޑިޕޮލަމެޓިކް އޮފީހެއް ހުރި ތަންތަނުގެ ތެރެއިން އެ ތަންތަނުގައި ވޯޓް ލުމަށް މަދުވެގެން 300 މީހުން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގަ އެވެ. ރާއްޖޭގެ ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ވޯޓު ފޮއްޓެއް ބަހައްޓާނީ އެ ތަނެއްގައި ވޯޓު ލުމަށް މަދުވެގެން 100 މީހުން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގަ އެވެ،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ށ.ގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދުގައި އެހެން ބުނެފައި އޮތް ނަމަވެސް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެ ނޫން އެހެން ގޮތަކަށް ވެސް އަމަލު ކުރެވިދާނެ ކަމަށެވެ.

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު އިލެކްޝަންސް ކޮމިޝަން އިން ވަނީ ހުޅުވާލާފަ އެވެ. އަދި އަލަށް އިންތިހާބު ކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް 85 މެންބަރުން އިންތިހާބު ކުރާނެ އެވެ.