ދޫނިރޯގާގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ އެޗް ސެވަން އެން ނައިން ފެތުރޭތީ ކަމުގެ ރިޕޯޓްތައް ލިބިގެން ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ކުކުޅު ވިއްކުން މަނާކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ ނިއުސް އެޖެންސީ ޒިންހުއާ ބުނީ އެގައުމުގެ އިރުމަތީގެ ޒީޖިއާން ޕްރޮވިންސްގެ ރަށްތަކެއް ކަމަށްވާ ހާންޒޫއާއި ނިންގްބޯއާއި ޖިންހުއާގައި ދިރޭކުކުޅު ވިއްކުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބުނީ މިއަހަރު އެރަށްތަކުން 49 މީހަކަށް އެޗް ސެވަން އެން ނައިން ޖެހި 12 މީހުން މަރުވެފައިވާ ކަމަށެވެ.

އަދި ބުނީ ޒީޖިއާންގެ ކައިރީގައިވާ ޗައިނާގެ މައިރަށެއް ކަމަށްވާ ޝަންހާއީގައި ވެސް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކުކުޅު ވިއްކުން މަނާކުރާނެ ކަމަށެވެ.

ޗައިނާގެ ސިއްހަތާ ބެހޭ އިދާރާ އިން ވަނީ އެރަށްތަކުގައި ކުކުޅު ގެންގުޅޭ ތަންތަނާއި ޕާކްތައް ބަލައި ފާސްކުރަން ފަށާފަ އެވެ. އަދި މީހުން ގެންގުޅޭ ކޮތަރު އުދުއްސުން ވެސް ވަނީ މަނާކޮށްފަ އެވެ.

ޗައިނާގެ ސެންޓަރް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވާ ގޮތުގައި މިއަހަރު އެގައުމުގައި 96 މީހަކަށް ދޫނިރޯގާ ޖެހިފައިވެ އެވެ. އަދި އޭގެ ތެރެއިން 19 މީހުން ވަނީ މަރުވެފަ އެވެ.