29 Jan 2014, 10:40
ބ. ފުޅަދޫ އަށް ޗުއްޓީއެއް ހޭދަކޮށްލަން ގޮސް އުޅުނު ޗައިނާގެ ފިރިހެނަކު މޫދަށް އެރިއުޅެނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 10 ޖަހާކަންހާއިރު ކަމަށެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ފުޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޔާޒު މިއަދު ވިދާޅުވީ އެފިރިހެން މީހާ އަކީ ޗުއްޓީއެއް ހޭދަކޮށްލުމަށް ޓަކައި އިތުރު އަންހެނަކާ އެކު މިދިޔަ ހޯމް ދުވަހު އެ ރަށުގެ "އަޒޯސްޓް ޓޫރިސްޓް ގެސްޓް ހައުސް" އަށް ގޮސް އުޅުނު މީހެއް ކަމަށެވެ. އަދި އެ ފިރިހެން މީހާ މަރުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެ ރަށު ހުޅަނގު ފަރާތުގެ ތުނޑީކޮޅަށް މޫދަށް އެރި އުޅެނިކޮށް ކަމަށެވެ.
"އެ ދެމީހުންގެ ތެރެއިން ފިރިހެން މީހާ މޫދަށް އެރިއުޅުނު ސަރަހައްދަކީ ވަރަށް އޮއިގަދަ ސަރަހައްދެއް، ފިރިހެން މީހާ މޫދަށް އެރިގެން އުޅެނިކޮށް ގެނބެން ފެށުމުން އަންހެން މީހާ ރަށު ތެރެއަށް އަރާ އެހީއަށް އެދުން ކަމަށް ވަނީ. މިރަށު ބަޔަކު ޑިންގީއަކަށް އަރައިގެން ގޮސް ހޯދިއިރު ފެނުނީ އެމީހާ މޫދުގައި މަރުވެފައި އޮއްވައި،" ނިޔާޒު ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ސަރަހައްދުގައި އެ ދެމީހުން ގެންގުޅުނު ކެމެރާއާ ބައެއް ސާމާނުތައް ބަހައްޓާފައި ހުރި ކަމަށާއި ނަމަވެސް އަންހެން މީހާ މޫދަށް އެރިގެން އުޅުނު ކަމަށް ނުބެލެވޭ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ އެ ފިރިހެން މީހާ މަރުވިކަން ކަށަވަރުކޮށްދީފައި ވަނީ ގޮއިދޫގައި ހުންނަ ސިއްހީ މަރުކަޒަށް ގެންދިއުމުން ކަމަށެވެ. އަދި ޗައިނާ މީހާގެ ހަށިގަނޑާ އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެގެ ވަގުތެއްގައި މާލޭ ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމީހުން ފުޅަދޫގައި ތިބި ގެސްޓް ހައުސްއަކީ ރަޖިސްޓްރީކޮށްގެން އެރަށުގައި ހިންގަމުން އަންނަ ގެސްޓް ހައުސްއެކެވެ.